ޤައުމަށް ބޭނުންތެރި ދާއިރާތަކުގައި އީޖާދީ ޙައްލުތައް ހޯއްދަވައިދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންފި

ޤައުމަށް ބޭނުންތެރި ދާއިރާތަކުގައި އީޖާދީ ޙައްލުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދަސްވެނީންގެ ކިބައިން މިރޭ އެދިވަޑައިގެންފިއެވެ. ނައިބު ރައީސް މިކަމަށް އެދިވަޑައިގެންނެވީ ވިލާ ...

04 Oct 2026 | 04:29
ވިލާ ކޮލެޖުގެ އެވޯޑު ހަފްލާގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ވިލާ ކޮލެޖުގެ އެވޯޑު ހަފްލާގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ޤައުމަށް ބޭނުންތެރި ދާއިރާތަކުގައި އީޖާދީ ޙައްލުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދަސްވެނީންގެ ކިބައިން މިރޭ އެދިވަޑައިގެންފިއެވެ.

ނައިބު ރައީސް މިކަމަށް އެދިވަޑައިގެންނެވީ ވިލާ ކޮލެޖުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026 ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ޤައުމާއި މުޖުތަމަޢަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމުގައި ދަސްވެނީންގެ ސިކުނޑިތަކުން އީޖާދީ ވިސްނުން އިސްކުރަން ޖެހިފައިވާ ކަމަށެވެ. މުޖުތަމަޢަށް ދާއިމީ ޙައްލު ހޯދައިދިނުމުގައި އެ ބޭފުޅުންގެ ފިކުރުތަކުގެ ބޭނުން އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވައި މުޅި މުޖުތަމަޢު އުފާ ކުރުވަނިވި ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އޮތް ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދަސްވެނީން މަސައްކަތު މާޙައުލަށް ނުކުމެ އެ މާޙައުލަކާ ގުޅޭ އަވަސް އީޖާދީ ވިސްނުންތައް ގެނެސްދޭނެ ކަމަށް ސިފަކުރެއްވިއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނާއި މުއައްސަސާތަކާ ދެމެދު އޮންނަ އިތުބާރު ބަދަހިވެ ފުރިހަމަ ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ފެނުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ބޮޑު އުންމީދެއް ކަމުގައި ވިދާޅުވެ 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމުގެ ދުރުރާސްތާ ތަޞައްވުރެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައި އިޢުލާން ކުރައްވާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެ ތަޞައްވުރު ޙާޞިލުކުރުމަށް ޒުވާނުން އިސްނަގައިގެން އީޖާދީ ވިސްނުން އިސްކޮށް އެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ވިދާޅުވިއެވެ.

ރޭގެ ޙަފުލާގައި ޤާސިމް އިބްރާހީމް އެވޯޑް ފޮރ އެކްސެލެންސް ޙާޞިލުކުރި ޕޯސްޓް ގްރެޖްއޭޓް ޕްރޮގްރާމްގެ ދަސްވެނީންނަށް އެވޯޑް ހަވާލުކޮށްދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް