އަމީނީމަގުގެ މަރާމާތު ކުރި ބައި ޢާންމުންނަށް ހުޅުވާލައިފި

އަމީނީ މަގުގެ ހަލާކުވެފައިވާ ސަރަހައްދުގެ ތެރެއިން ފުރަތަމަ ދެ ސެގްމެންޓު މަރާމާތު ނިންމައި އާއްމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ. ހައުސިން މިނިސްޓްރީން  މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ ޖޫން 15 ...

04 Oct 2026 | 02:44
އަމީނީ މަގުގައި މަރާމާތު ކުރި ބައި ރޭ ވަނީ ހުޅުވާލާފައި -- ފޮޓޯ: ހައުސިން މިނިސްޓްރީ

އަމީނީ މަގުގައި މަރާމާތު ކުރި ބައި ރޭ ވަނީ ހުޅުވާލާފައި -- ފޮޓޯ: ހައުސިން މިނިސްޓްރީ

އަމީނީ މަގުގެ ހަލާކުވެފައިވާ ސަރަހައްދުގެ ތެރެއިން ފުރަތަމަ ދެ ސެގްމެންޓު މަރާމާތު ނިންމައި އާއްމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން  މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ ޖޫން 15 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ފުރަތަމަ ދެ ސެގްމެންޓުގައި ހިމެނެނީ ދަރުމަވަންތަ ހޮސްޕިޓަލުން ފެށިގެން ދިވެހިރާއްޖޭގެ އަޑާއި ހަމައަށެވެ.

އެ ސަރަހައްދުގައި ކުރިން އަޅާފައި އޮތް ތާރުގަނޑު އެއްކޮށް ނަގައި މަރާމާތުކޮށް، އަލުން ވަނީ ތާރު އަޅާފައި އެވެ.

ދެން ފެށުމަށް ހަމަޖެހިފައިވަނީ އިއްޒުއްދީން މަގާ ހިސާބުން ކޯރުކެނޑި ހިނގުމާ ދެމެދު އޮންނަ ސެގްމަންޓް 3 ގެ މަސައްކަތެވެ. އާދީއްތަ ދުވަހު އެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާތީ ރޭ ދަންވަރު 12:00 އިން ފެށިގެން އެ ސަރަޙައްދުގެ ޓްރެފިކް ބަދަލުކުރުމަށާއި ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އަންގައިފައެވެ.

ސެގްމަންޓް 3 ގެ މަސައްކަތުގެ ތެރޭގައި 1924.77 އަކަމީޓަރުގެ ތާރުގަނޑު ބަދަލުކޮށް މަގުމަތީ ނިޝާންތައް ކުރެހުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. ހަމައެއާއެކު ކޯރުކެނޑި ހިނގުމުން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް ހިމެނޭ ސެގްމަންޓް 4 ގައި 1148.91 އަކަމީޓަރުގެ ސަރަޙައްދެއް ހަމަ އެ ގޮތަށް މަރާމާތުކުރުމަށް ރޭވިފައިވާ ކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

އަމީނީ މަގުގައި މަރާމާތު ކުރި ބައި ރޭ ވަނީ ހުޅުވާލާފައި -- ފޮޓޯ: ހައުސިން މިނިސްޓްރީ

އަމީނީ މަގުގެ މާފަންނާވީ ފަޅި މަރާމާތުކުރުމުގެ މަސައްކަތް ފެށީ އެ ސަރަޙައްދުގެ ތާރުގަނޑު ބޮޑަށް ހަލާކުވެ ވަޅުގަނޑުތައް ހެދެމުންދާތީ ބަހާއި ހެވީ ވެހިކަލް ދުއްވާ ސަރަޙައްދަކަށް ވުމުން ދަތުރުފަތުރަށް ބޮޑެތި ދަތިތައް ކުރިމަތިވާތީ ކަމަށް އެ ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން މާލޭގެ ހުޅަނގު ކޮޅުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށުމަށް ތައްޔާރުވަމުންދާއިރު ވެސްޓް ޕާކް ސަރަޙައްދުން ބައެއް ފެން ހިންދާ ނިޒާމުގެ މަސައްކަތަށް މިހާރު ވަނީ ބަންދުކޮށްފައެވެ. ބޮޑުތަކުރުފާނު މަގުގެ މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ނޯތް ހާބަރާ ދެމެދު އޮތް ސަރަޙައްދު ތަރައްޤީކޮށް ނިންމައި އެ ހިސާބުގެ ތޮއްޖެހުމަށް ލުއި ލިބިފައިވާ ކަމަށް ވެސް ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް