ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓުންތަކެއް ޗުއްޓީ ހޭދަ ކުރަނީ --
ޓީޖީއެސްޓީ ނެގުމާ ގުޅޭ ގޮތުން ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނަށް ގެނައި ބަދަލަށް އިސްލާހުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ޓޫރިޒަމް ވަޒީރު މުޙައްމަދު އަމީން ރޭ ވިދާޅުވެއްޖެއެވެ.
އެ ގާނޫނަށް ގެނައި ބަދަލަށް އަމަލު ކުރަން ފެށީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. މި ގެނައި ބަދަލުތަކުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނަގަން ފެށުމެވެ.
ޓޫރިޒަމް ދުވަހުގެ ރަސްމީ ޚާއްޞަ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންގެ ޚިދުމަތްތަކުން ޖީއެސްޓީ ނެގުމަށް މިދިޔަ މަހު ތަސްދީޤުކުރި ޤާނޫނާ މެދު ޓޫރިޒަމް ދާއިރާ އާއި ބައިނަލްއަޤުވާމީ ޓުއާ އޮޕަރޭޓަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުށަހެޅިފައިވާ ކަމަށެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން ޔޫރަޕުގެ ބައެއް ޓުއާ އޮޕަރޭޓަރުން ރާއްޖެއަށް ބުކިން ހެދުން މެދުކަނޑައިލާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަމީން ވިދާޅުވީ މިވަގުތު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނަން ކަމަށެވެ.
އިސްލާހު ގެނެސް މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފެށި ޓީޖީއެސްޓީގެ ގާނޫނުގެ ދަށުން ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ޚިދުމަތްތަކުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ޓެކްސް ނިޒާމަށް އިތުރުކުރީ އެ ނިޒާމުގައި ހުރި ދަތިތައް ޙައްލުކޮށް ހަރުދަނާ ކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. މި ބަދަލުތައް ތަންފީޒުކޮށް ޓެކްސް ނަގައިފި ނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 1.3 ބިލިއަން ރުފިޔާއާ އެކު ދައުލަތަށް އަހަރަކު 1.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ސެކްޓަރަށް 54 އަހަރު ފުރިގެންދިޔައިރު ރާއްޖެ ވެފައިވަނީ ދުނިޔޭގެ އެންމެ މަޤުބޫލު އެއް މަންޒިލަށް ކަމަށާއި 2040 ވަނަ އަހަރު ރާއްޖެ އެންމެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ އަމާޒަށް ވާސިލުވުމަށް ޓޫރިޒަމް ދާއިރާ ޑައިވާސިފައި ކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު އަސަރެއް ކުރި ނަމަވެސް އެ ގޮންޖެހުންތަކުން އަރައިގަނެ ޓޫރިސްޓުން ޒިޔާރަތްކުރާ ޢަދަދު އިތުރުވެ ދާއިރާ ކުރީގެ ޙާލަތަށް ރުޖޫއަވަމުން އަންނަ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް