މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގައި ދިވެހި ފުލުހުން ކުރިއަށްގެންދާ، މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި މިހާތަނަށް ހޯދާފައިވާ މަސްތުވާތަކެތީގެ ބަރުދަން 98.6 ކިލޯ އަށް އަރާކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިކަމާއި ގުޅޭގޮތުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
ފުލުހުންގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ސ. ހިތަދޫ/ފިނިފަރު އަބްދުﷲ އިބްރާހިމް (33 އަހަރު) އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް މޯލްޑިވްސް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލުމާތަކާ ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
"މި ހިނގާ އޮކްޓޯބަރު މަހުގެ 01ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ފެނިފައިވެއެވެ." ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި އޮޕަރޭޝަންގައި ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްޕިޓަމިން އާއި ހެރޮއިން ހިމެނެއެވެ.
ފުލުހުން ބުނެފައިވާޣޮތުގައި މަސްތުވާ މި ތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ އަބްދުﷲ އިބްރާހިމަކީ 2019 ޖުލައި 30 ވަނަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް 2019 ސެޕްޓެމްބަރު 30 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ މީހެކެވެ. އޭގެ އިތުރުން އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ރެކޯޑާއި އެހެނިހެން މައްސލަތަކުގެ ކުށުގެ ރެކޯޑު އޮންނަ ފަރާތެއް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އަބްދުﷲ އިބްރާހިމާއި، ސ. ހިތަދޫ/ ކޯޅި، މުހައްމަދު ޔާމީން ނަސީރު (23އ) ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މިހާތަނަށް މުއްދަތު މަޖިލިސް ނިމިފައިވާ، މި މައްސަލައިގާ ދެން ހިމެނޭ މީހުންގެ ބަންދަށް ފަސް ދުވަސް ދީފައިވާކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި އޮޕަރޭޝަނަކީ ސީދާ ދިވެހި ފުލުހުންގެ އިންޓެލިޖެންސުން ހޯދި މައުލޫމާތެއްގެ މައްޗަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ. މިހެން ފުލުހުން ބުނެފައިވާއިރު ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި އޮޕަރޭޝަނަކީ ޕާކިސްތާނުގެ އިންޓެލިޖެންސުގެ މައުލޫމާތެއްގެ މައްޗަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް