އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އާކުން ކްލިއަރ މާސްކް ހަދިޔާކޮށްފި

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށާއި އެކުދިންގެ ޓީޗަރުން ބޭނުންކުރުމަށްޓަކައި 300 'ކްލިއަރ' މާސްކް، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް  ޗިލްރަން (އާކް) އިން މިނިސްޓްރީ އޮފް އެޑިއުކޭޝަން...

04 Oct 2020 | 13:28

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށާއި އެކުދިންގެ ޓީޗަރުން ބޭނުންކުރުމަށްޓަކައި 300 'ކްލިއަރ' މާސްކް، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް  ޗިލްރަން (އާކް) އިން މިނިސްޓްރީ އޮފް އެޑިއުކޭޝަންއަށް މިއަދު ހަދިޔާކޮށްފިއެވެ.

ރަސްމީކޮށް މި ހަދިޔާ މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑރ.އައިޝަތު އަލީއަށް ހަވާލުކޮށްދެއްވީ އާކް ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު މުރުތަޞާ މޫސާއެވެ.

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން އެހެން ފަރާތްތަކާ މުޢާމަލާތްކުރުމަށްޓަކައި މޫނާއި ތުންފަތުގެ ހަރަކާތަކަށް ބަރޯސާވާންޖެހުމުގެ ސަބަބުން ކޮވިޑް 19 އާ ގުޅިގެން އެ ކުދިންނަށް އިތުރު ހުރަސްތަކާ ކުރިމަތިވަމުންދެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެކުދިންގެ ތަޢުލީމާއި އިޖްތިމާއި ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، އެކުދިން މުޖުތަމަޢުގައި އިތުރަށް އެކަހެރިވުމުގެ ފުރުޞަތު ބޮޑުވެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖަންސީއިން ފާސްކޮށްފައިވާ މި މާސްކްގެ ޒަރިއްޔާއިން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާންމު ދިރިއުޅުމުގައި ދިމާވާ ދަތިތަކަށް ކޮންމެސް ވަރެއްގެ ލުއިތަކެއް ލިބި، މިފަދަ ދުވަސްވަރެއްގައި އެކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި އެހީތެރިވެދެއެވެ.

މި މާސްކްތައް ތައްޔާރުކޮށްފައިވަނީ ދެފުށްފެންނަ ނުވަތަ ޓްރާންސްޕޭރަންޓް ކަވަރަކާއެކު ކޮޓަންފޮތީގެ ތިންފަށަލަ ހިމެނޭގޮތަށް، އެކި އުމުރުފުރާއަށް ހެޔޮވަރު ސައިޒުތަކަށް ބޭނުންކުރެވޭގޮތަށް 'އެޖަސްޓަބަލް ސްޓްރެޕް' އެއް ހިމަނާފައެވެ.

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި އެކުދިންގެ ޓީޗަރުންނަށް މި މާސްކްތައް ރައްދުކޮށްދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ދެއްވި އެހީތެރިކަމަށް އާކުން ޝުކުރު އަދާކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ މަސައްކަތުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް