ކަނޑުގެ މަގަށް ބަލާ ނަމަ ރާއްޖެ އޮތީ އެންމެ މުހިއްމު އެއް ޝިޕިން ރޫޓްގައި ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
މަލީހު މިހެން ވިދާޅުވީ ޖަޕާނުން ބޭއްވި ސައިންސް އެންޑް ޓެކްނޮލޮޖީ އިން ސޮސައިޓީ ފޯރަމްގައި ވާހަކަދައްކަވަމުން ނެވެ.
މިނިސްޓަރ މަލީހު ވިދާޅުވީ ރާއްޖޭގެ ކަނޑު އަޑީގެ ސީބެޑް ހުރި ގޮތުން ކަނޑު އަޑީގައި ޑޭޓާ ސެންޓަރުތަކެއް ގާއިމުކުރުމުގެ ރިސަރޗަށް އެންމެ ކަމުދާ ގައުމަކީ ރާއްޖެ ކަމަށެވެ.
މިހާރު ވެސް ރާއްޖެއަކީ ކަނޑުއަޑީގެ ކޮޓަރިތަކާއި ރެސްޓޯރެންޓުތައް ހުރި ގައުމަކަށް ވެފައި، ރާއްޖޭގައި ކަނޑު އަޑީގެ ޑޭޓާ ސެންޓަރެއް ގާއިމުކުރުމުގެ ދޮރު ހުޅުވާލާފައިވާ ކަމަށާއި ރާއްޖޭގައި ކަނޑު އަޑީގެ ޑޭޓާ ސެންޓަރެއް ހެދުމުގެ ދައުވަތު ބައިނަލްއަގުވާމީ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާއި ޓެކްނޮލޮޖީ ކުންފުނިތަކަށް ދައުވަތު އަރުވާ ކަމަށް މިނިސްޓަރު މަލީހު ވިދާޅުވި އެވެ. އަދި ރާއްޖޭގައި ބޭނުންކުރާ ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރުމަށް މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވަނީ ވިދާލުވެފަ އެވެ.
މިނިސްޓަރ މަލީހު ވިދާޅުވީ ޓެކްނޮލޮޖީ އާއި އިންޓަރނެޓުން ލިއްބައިދޭ ފައިދާ ބޮޑު ކަމުގައި ވީ ނަމަވެސް، މީގެ ސަބަބުން މުޖުތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް އައިސްފައިވާ ކަމަށެވެ. އެހެންކަމުން ޑިޖިޓަލް ޑިވެލޮޕްމަންޓްގައި ސޯޝަލް ސައިންސްގެ ދައުރު އިތުރަށް ފުޅާ ކުރަންޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ޖަޕާނުގެ އިސްނެގުމެއްކަމުގައިވާ ސޮސައިޓީ 5.0 އަކީ މިނިސްޓަރ ތަރުހީބުދޭ ސޯޝަލް މޮޑެލް އެއް ކަމަށްވެސް މިނިސްޓަރ މަލީހު ވިދާޅުވި އެވެ.
ކޮވިޑް-19ގެ ހާލަތަކީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކާރިސާ ކަމުގައިވީ ނަމަވެސް ރާއްޖެއަށް ބަލައިފިނަމަ މޫސުމަށް އަންނަ ބަދަލުތަކަކީ އެންމެ ބޮޑެ މައްސަލަ ކަމަށާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި ތިމާވެއްޓާއި ރައްޓެހި ހަކަތަ އަކީ ކުދި ޖަޒިރާ ޤައުމުގެ މުސްތަގުބަލަށް ވަރަށް މުހިއްމު ތަކެތިކަން މަލީހު ފާހަގަކުރެއްވި އެވެ.
ޖަޕާނުގެ ފަރާތުން ބޭއްވި ސައިންސް އެންޑް ޓެކްނޮލޮޖީ އިން ސޮސައިޓީ، އެސްޓީއެސް ފޯރަމަކީ ކޯވިޑް-19ގެ މި ހާލަތުގައި ސައިންސާއި ޓެކްނޮލޮޖީ އަދާކުރާ ދައުރަކީ ކޮބައިކަން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ޖަޕާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައިންސް އެންޑް ޓެކްނޮލޮޖީ އިނޯ ޝިންޖީގެ އިތުރުން 49 ގައުމެއްގެ ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ބެހޭ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
2004 ވަނަ އަހަރުގެ ނޮވެމްބަރ މަހުން ފެށިގެން ކޮންމެ އަހަރަކު ޖަޕާނުގެ ކިޔޯޓޯގައި އެސްޓީއެސް ފޯރަމް އަންނަނީ ބާއްވަމުން ނެވެ.
މި ފޯރަމަކީ ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި އިންސާނުންގެ ދިރިއުޅުން ފަސޭހަ ކުރުމަށް ކުރެވޭނެ ކަންތައްތަކާއި، ދާއިރާއަށް ހުރި ގޮންޖެހުންތަކާއި، ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގެ ލީޑަރުންގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް