އެކުވެނި ޓްރެކްގެ މަސައްކަތް ކުރިއަށްދާ ގޮތް ނައިބު ރައީސް ބައްލަވާ ލައްވައިފި

އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާ ލައްވައިފި އެވެ. އެމަނިކުފާނު މި މަސަައްކަތް ބައްލަވާލައްވާފައިވަނީ މިއަދު ހަވީރު އެވެ...

04 Oct 2020 | 11:32

އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާ ލައްވައިފި އެވެ.

އެމަނިކުފާނު މި މަސަައްކަތް ބައްލަވާލައްވާފައިވަނީ މިއަދު ހަވީރު އެވެ.

ނައިބު ރައީސް އެ ސަރަހައްދަށް ވަޑައިގަތުމުން މަރުޙަބާ ދަންނަވާފައިވަނީ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފާއި މިނިސްޓްރީގެ އިސްވެރިން ނެވެ.

މިކަމާގުޅޭ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެއެވެ.

ކުޅިވަރާއިބެހޭ މިނިސްޓަރ އަހްމަދު މަހްލޫފު މީގެ ކުރިން ވިދާޅުވެފައިވަނީ އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކޮންކްރީޓް އެޅުމުގެ މަސައްކަތް އަމާޒު ހިފާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ނިންމާލެވޭތޯ ކަމަށެވެ. ނަމަވެސް އެ މަސައްކަތް އަދިވެސް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ.

އެކުވެނި ޓްރެކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށުމަށް ސެޕްޓެމް 19 ގައި ބޭއއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ އެ މަސައްކަތް ނިމުމާއެކު ސިންތެޓިކް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ރާއްޖެއަށް ގެންނަ ސިންތެޓިކް ބަރުކޮށްގެން މިހާރު ފުރާފައިވާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ އެކުވެނި ޓްރެކް އަޅަނީ ބައިނަލްއަގުވާމީ ފެންވަރަށް ކަމަށާއި ބޭރުން މަސައްކަތް ކުރަނީ އެތްލެޓިކްސްގެ ވަރލްޑް ފެޑެރޭޝަނުން ގަބޫލު ކުރާ ސެޓިފައިޑް ޕާޓީއަކުން ކަމަށެވެ.

މާލޭ އެކުވެނި ޓްރެކް، ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އާ އެވެ.

އެފަރާތާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ ދެމަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ. މި މަސައްކަތުގެ އަގަކީ ބާރަ މިލިއަން ފަސް ސަތޭކަ ސާޅީސް ތިން ހާސް ދުއިސައްތަ ތިރީސް އެއްރުފިޔާ ހަތްދިހަ ފަސްލާރި އެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫޢު ލަފާ ކުރެވޭ ގޮތުން އެ މަސައްކަތް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވަނީ ކުރިން ވިދާޅުވެފަ އެވެ.

ގިނަ ބަޔަކު ބޭނުން ކުރަމުން އައި މާފަންނު އެކުވެނި ޓްރެކަކީ 1996 ވަނަ އަހަރު މާލޭގައި އަޅާފައިވާ ޓްްރެކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް