ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޑޫ ސިޓީ މަރަދޫ، ޒެފެއާ، ފާތިމަތު ފަރުހީޒާ އާއި ކ. ދިއްފުށީ ސުވީޓްމީޑް، ހަސަން ޝަފީއު އައްޔަން ކޮށްފި އެވެ.
ދެ ފަނޑިޔާރުން މަގާމުގެ ހުވާ ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައި އެވެ. މަގާމުގެ ހުވާ ދެ ބޭފުޅުންނަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ފަނޑިޔާރު ފަރުހީޒާ އަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗެލާ އޮފް ލޯ އަދި މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަރުހީޒާ ވަނީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީކަމުގެ އިތުރުން ޕަބްލިކް ޕްރޮސެކިއުޓަރެއްގެ އިތުރުން އަމިއްލަ ގޮތުން ގަނޫނީ ވަކީލުކަން ކުރައްވާފައި އެވެ.
ޖޭއެސްސީން ބުނީ ފަރުހީޒާ އަކީ ގާނޫނީ ދާއިރާގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށެވެ.
ފަނޑިޔާރު ޝަފީއު އަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން އިން ބެޗެލާ އޮފް ލޯ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޝަފީއު ވަނީ ފެމިލީ ކޯޓައި ސިވިލް ކޯޓުގައި ގާޒީއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި އެވެ.
ފަނޑިޔާރު ޝަފީއު އަކީ ގާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އަދި ގާނޫނުތައް ޑްރާފްުޓު ކުރުމުގައި ހަރަކާތްތެރިވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް