ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ އިތުރު ބިދޭސީންތަކެއް ފޮނުވާލައިފި އެވެ.
މިއަދު ފޮނުވާލާފައިވަނީ ބަންގްލަދޭޝްގެ 72 މީހުންނެވެ. މި އެންމެންނަކީ ސައްހަ ލިޔެކިޔުން ނެތިގެން އަނބުރާ ގައުމަށް ނުދެވިފައި ތިބި މީހުންނެވެ.
މި މީހުންނަކީ އެނބުރި ގައުމަށް ދާން ބޭނުންވެގެން ސަރުކާރުގައި އަމިއްލައަށް އެދުނު ބިދޭސީންނެވެ. މި މީހުން ފުރުވާލީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި އެވެ.
މިއީ މޯލްޑިވިއަންއިން ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން ގޮވައިގެން އެ ގައުމަށް ކުރި 39 ވަނަ ދަތުރެވެ. މިހާތަނަށް ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ 8،000 އަށްވިރެ ގިނަ ބިދޭސީން ފުރުވާލާފައިވެ އެވެ.
މިދިޔަ ތިން ހަފްތާގައި ކޮންމެ ހަފްތާއަކު ގަވައިދާ ހިލާފަށް އުޅޭ 200 ބިދޭސީން ފުރުވާލާފައިވެ އެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ އިމިގްރޭޝަން، އިކޮނޮމިކް މިނިސްޓްރީ، މާލޭ ސިޓީ ކައުންސިލް އަދި ފުލުހުން ގުޅިގެންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 20،000 ބިދޭސީން ފޮނުވާލުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް