މާލޭ ސިޓީގެ ސްކޫލްތަކުގައި އަނެއްކާވެސް ކިޔަވައިދޭން ފަށައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ބަންދުކުރިިތާ ތިން މަސް ފަހު ނިއު ނޯމަލްގައި ސްކޫލްތަކުގެ ކިޔެވުން ފެށީ ޖުލައި އެކެއްގައި އެވެ. އޭގެ ފަހުން އޮގަސްޓު މަހުގެ ފުރަތަމަ ހަފްތާގައި މާލޭ ސިޓީގެ ސްކޫލްތަކުގެ ކިޔެވުން ބަންދު ކުރަން ޖެހުނީ މާލޭގައި ކޯވިޑްގެ ކޭސްތައް ގިނަ ވުމާއި ގުޅިގެންނެވެ.
ދޮޅުމަހަށް ފަހު މާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ފެށި ނަމަވެސް އަދިވެސް ކިޔަވައިދޭނީ ގްރޭޑް 9-12 ގެ ދަރިވަރުންނަށެވެ. އެއީ ކީސްޓޭޖް ހަތަރެއް އަދި ފަހެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލުން މާލޭ ސްކޫލްތަކުގެ ކިޔެވުން ފެށީ ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދު ދަށްވާން ފެށުމުން އެޗްޕީއޭ އާއި އެކު މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި ރައްކަތެރިކަމުގެ ގޮތުން ކުރިއެކޭ އެގޮތަށް ސްކޫލްތަކުގައި އެކަށީގެންވާ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ފަހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއްކަން ބެލެނިވެރިންނަށް ކަށަވަރުކޮށްދޭކަމަށެވެ. އެގޮތުން މިހާތަނަށް ސްކޫލް މާހައުލުން އެއްވެސް މީހަކަށް ކޯވިޑް ޖެހިފައިނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
ކުރިއެކޭ އެގޮތަށް ދަރިވަރުންނަށް ސްކޫލުގައި އުޅޭނީ މާސްކު އަޅައިގެންނެވެ. އިޖްތިމާއީ ގައިދުރު ކަމާއި އެކު ސްކޫލަށް ވަންނަ އިރު ފިިނިހޫނު މިން ބަލައި އަތް ދޮންނަން ޖެހޭނެ އެވެ.
މިއަދުން ފެށިގެން އަތޮޅު ތެރޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތު ފަސް ގަޑިއިރަށް އިތުރު ކުރި ނަމަވެސް މާލޭ ސިޓީގެ ސްކޫލްތަކުގައި އަދިވެސް ކިޔަވައިދޭނީ ހަފްތާ އަކު ހަތަރު ދުވަހު ހަތަރު ގަޑިއިރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް