އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވަރުގަދަ މެންޗެސްޓާ ސިޓީއާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ރޭ ލީޑްސް އާއި ސިޓީ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.
ލީޑްސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ސިޓީން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ ލީޑްސްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ކެވިން ޑި ބްރޭނާ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް ވެސް އަމާޒުވެފައެވެ.
ސިޓީން ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 17 ވަނަ މިނެޓުގައެވެ. މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ފޯވާޑް ރަހީމް ސްޓާލިނެވެ. ނަނަމަވެސް ސިޓީގެ މި ލަނޑަށް ފަހު ލީޑްސްއިން ވަނީ ކުޅުން ރަނގަޅުކޮށް ސިޓީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ލީޑްސްގެ ސްޓުއާޓް ޑަލަސް އާއި ލޫކް އައިލިންގަށް ލަނޑު ޖަހަން ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
މެޗުގެ ފުރަތަމަ ހާފު ސިޓީން ލީޑުގައި އޮވެ ނިންމާލިއިރު، ލީޑްސްއިން ވަނީ ދެވަނަ ހާފުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެދު ކެނޑުމެއް ނެތި ސިޓީގެ ފަހަތައް ބާރުބޮޑު ކުރަމުން ދިޔައެވެ. އެގޮތުން ލީޑްސްއިން ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 59 ވަނަ މިނެޓުގައެވެ. މި ލަނޑު ލީޑްސްއަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހުހާފުގައި ކުޅެން އެރި ފޯވާޑް ރޮޑްރިގޯ މޮރޭނޯއެވެ.
ރޭގެ މި މެޗުން ލިބުނު 6 ޕޮއިންޓާއެކު ލީޑްސް އޮތީ ތާވަލުގެ ފަސްވަނައިގައެއެވެ. އަދި ސިޓީ އޮތީ 4 ޕޮއިންޓާއި އެކު ތާވަލުގެ 11 ވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް