ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައިނަލްއަގްވާމީ ޑްރަގް ނެޓްވޯކެއް އަތުލައިގެންފައިވާކަމަށް ބައިނަލްއަގްވާމީ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
އެގޮތުން ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް (އޭއެންއެފް) އާއި ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ބައިނަލްއަގްވާމީ ފޯސަސް ގުޅިގެން ހިންގި މި އޮޕަރޭޝަން ކާމިޔާބުވެފައިވަނީ ޕާކިސްތާނުގެ އޭއެންއެފުން ދިން އިންޓެލިޖެންސްގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ. މި އޮޕަރޭޝަނުގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ އަގު ޕާކިސްތާނު ފައިސާއިން ބަލާނަމަ އެތައް ބިލިޔަނަކަށް އަރާކަމަށް ބުނެފައިވެއެވެ.
އަރަބި ކަނޑުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގި މި އޮޕަރޭޝަންގެ މާ ބޮޑު ތަފްސީލެއް ހާމަކޮށްފައިނުވިނަމަވެސް ފޮޓޯ އަކާއި ވީޑިއޯއެއް މިހާތަނަށް އާންމުވެފައިވެއެވެ.
ދިވެހި ފުލުހުންވެސް މި އޮޕަރޭޝަނާއި ގުޅޭ މާ ގިނަ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި މި އޮޕަރޭޝަނުގެ އިޝާރާތެއް ކުރައްވާފައިވެއެވެ.
އެގޮތުން ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް އައްޑޫ ސިޓީގައި ކުރިއަށްދާކަމަށެވެ.
މި އޮޕަރޭޝަނުގެ ތަފްސީލު ދިވެހި ފުލުހުން އަދި ހާމަ ނުކުރި ނަމަވެސް މަސްތުވާތަކެތީގެ ބޮޑެއް ކަމުގައި ފުލުހުން ތުހުމަތު ކުރާ އިބްރާހިމް ރަޝީދު (އަބުޗާ) އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ވަނީ ހައްޔަރު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް