ޗެނަލް-13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
"ރައްޔިތުންގެ އަޑު" ގެ ނަމުގައި ޗެނަލް-13 އިން ގެނެސްދިން ޕްރޮގްރާމުގައި މިހެން ބުނެފައި ވަނީ ތ. ވިލިފުށީ އާންމު މީހެކެވެ. ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ ގުޅޭ ގޮތުން ދެކޭ ގޮތާ މެދު ޕްރެޒެންޓަރު ސުވާލު ކުރުމުން އެ މީހާ ބުނީ ވެރިކަން އަވަހަށް ނައްތާލަން ބޭނުންވާ ކަމަށާއި "މިހާރުން މިހާރަށް އިބްރާހިމް މުހައްމަދު ސޯލިހު ގައިގާ އަލިފާން ޖަހަން ޖެހޭ" " ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެއީ ޓެރިޒަމްއަށް ހިތްވަރު ދިނުން ކަމަށް ބެލެވޭ މައްސަލައެއް ކަމަށާއި އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައުމާ ހަމައިން މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވާލި އެ މައްސަލަ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ.
ޗެނަލް-13ގެ ފޭސްބުކް ޕޭޖުގައި މިހާރު ވެސް އިން އެ ވީޑިއޯ، ޓްވިިޓާގައި ޝެއަކުރަމުން މީހަކު ބުނީ މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫން ކަމަށާއި ނަފްރަތާއި އަނިޔާވެރިކަމަށް ހިތްވަރުދިނުން ކަމަށެވެ. އަދި މި ފަދަ އަމަލުތަކާ މެދު ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ބުންޏެވެ. އަދި ބައެއް ފަރާތްތަކުން ދަނީ، އެ ގޮތަށް ގޮވާލި މީހާގެ އިތުރުން އެ ވާހަކަ ބްރޯޑްކާސްޓް ކުރި ޗެނަލްއަށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް