ލިއޮނަލް މެސީ އޭނާގެ ވިސްނުން ބަދަލުކޮށް މިހާރުގެ ކުލަބު ބާސެލޯނާގައި މަޑުކުރާ ގޮތަށް ނިންމައިފިއެވެ.
މެސީގެ މިގޮތަށް ނިންމާ މިކަން ހާމަކުރީ "ގޯލް ސްޕެއިން" އަށް ދިން ހާއްސަ އިންޓަވިއުއެއްގައެވެ.
މި އިންޓަވިއުގައި މެސީ ބުނީ ކްލަބުގައި މަޑުކުރަން ނިންމީ އެ ކްލަބު ގޮވައިގެން ކޯޓަށް ދާން ބޭނުން ނުވާތީ ކަމަށާއި އަދި އެހާ ބޮޑު އަދަދެއް ދައްކައިގެން ކުލަބު ބަދަލު ކުރަން ބޭނުން ނުވާތީ ކަމަށެވެ.
"އަހަރެން މިހާރު މިވަނީ ނިންމުން ބަދަލުކޮށް ކްލަބުގައި މަޑުކުރަން ނިންމާފަ. އެހާ ބޮޑު އަދަދެއް ދީގެން އަހަރެން ކުލަބު ބަދަލުކުރާކަށް ބޭނުމެއް ނުވޭ. އެއީ ވާނެ ކަމެއް ނޫން. ދެން އޮތް ގޮތަކީ ކްލަބު ގޮވައިގެން ކޯޓަށް ދިޔުން. އެއީ އަހަރެން ކުރާނެ ކަމެއް ނޫން" މެސީ ބުންޏެވެ.
މި ޓްރާންސްފާ މާކެޓުގައި ބާސާ ދޫކޮށްލަން ބޭނުންވާކަން މެސީ އެ ކްލަބަށް އެންގީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މެސީ ކްލަބު ދޫކޮށްލަން ބޭނުންވީ ހިލޭ ޓްރާންސްފާއެއްގައެވެ. ނަމަވެސް ބާސާއިން ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.
މެސީ ބާސާއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު ޖުލައި މަހުގެ 30 އަށެވެ.
އެއްބަސްވުމުގައި ވާ ގޮތުން މެސީ ބޭނުންވެއްޖެނަމަ ކޮންމެ ސީޒަނެއް ވެސް ނިމުމުން ވަކި މުއްދަތެއްގެ ތެރޭގައި ކްލަބަށް އެކަން އެންގުމަށްފަހު އޭނާ އަށް ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވެވޭނެއެވެ.
ބާސާ އިން ބުނާ ގޮތުން އެ މުއްދަތު ވަނީ މިދިޔަ ޖޫން މަހުގެ 10 ގެ ނިޔަލަށް ހަމަވެފައެވެ. އެހެން ކަމުން އެހެން ކްލަބަކަށް މެސީ އަށް ބަދަލުވެވޭނީ އެއްބަސްވުމުގައި ވާގޮތުން 700 މިލިއަން ޔޫރޯ ދެއްކުމަށް ފަހުގައެވެ.
މެސީގެ އެއްބަސްވުން ކުރިއަށް އޮތް ސީޒަނަށްފަހު ނިމޭއިރު، އޭނާ އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާނަމަ ދެން ހިލޭ ޓްރާންސްފާއެއްގައި ބަދަލުވެވޭނެއެވެ.
މިހާރު އުމުރުން 33 އަހަރުގެ މެސީ ވަނީ ބާސާ އަށް މިހާތަނަށް 700 އަށް ވުރެ ގިނަ މެޗު ކުޅެދީ 634 ގޯލު ކާމިޔާބުކޮށްދީފައެވެ.
މެސީ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަ ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް