ކޯވިޑް-19އާ ގުޅިގެން އިންޑިއާ އާއި ސްރީލަންކާގެ ބޯޑަރު ބަންދުކުރުމުން ރާއްޖެ ނާދެވި ތިބި ދިވެހިންގެ ތެރެއިން އެނބުރި އަންނަން ޓިކެޓް ނަގާފައިވާ ތާރީހުގެ ކުރީ ދުވަސްތަކަށް ތިން މީހަކަށް 116,807 ރުފިޔާ އާސަންދަ ކުންފުނިން ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ކޯވިޑް-19 އާ ގުޅިގެން އެންސްޕާ އާއި އާސަންދަ ކުންފުނިން ކުރި ހަރަދުތަކުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރުގައި ތިއްބައި އެ ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރުމުން ހާލުގައި ޖެހުނު މީހުންނަށް އެހީ ދޭނީ މާރޗް، 21 ގެ ފަހުން ރާއްޖެ އަންނަން ޓިކެޓް ނަގާފައި ތިބި މީހުންނަށް ކަމަށް ވިޔަސް، ޓިކެޓުގެ ކޮޕީ ހޯދުމެއް ނެތި 26 މީހަކަށް 150،000 އަށް ވުރެ ގިނަ ރުފިޔާ އެންސްޕާ އިން ދިނެވެ. އެއީ އޭރު ބޭރުގައި ތިބި ބައެއް ކަން އަދި ދީފައި ވަނީ ކިހާ މުއްދަތަކަށް ކަން ކަށަވަރުވާނެ ގޮތެެއް ނެތް ކަމަށް އޮޑިޓު ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން ފައިސާގެ އެހީ ދޭންޖެހޭ ބައެއް ފަރާތްތަކަށް އެއް މުއްދަތަކަށް 2 މުއައްސަސާއަކުން ފައިސާގެ އެހީ ފޮނުވާފައިވާ މައްސަލައެއްވެސް މި އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޤައުމުތަކުގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން އެނބުރި ރާއްޖެ ނާދެވިފައިވާ 4 ފަރާތަކަށް ފައިސާގެ އެހީ ދިނުމުގައި އާސަންދަ ކުންފުންޏާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެކާވީސްހާސް ތިރީސް ތިން ރުފިޔާ އިތުރަށް ދީފައިވާކަން އޮޑިޓަރ ޖެނަރަލްވަނީ ފާހަގަކުރައްވާފައެވެ.
އަދި ނިޔާވެފައިވާ ފަރާތަކަށް ނިޔާވި ތާރީހުގެ ފަހުން އާސަންދަ ކުންފުންޏާއި އެންސްޕާއިން ފައިސާގެ އެހީގެ ގޮތުގައި ނުވަ ހާސް ހަތަރު ސަތޭކަ ނުވަދިހަ އަށް ރުފިޔާ އެފަރާތުގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
އޮޑިޓާ ޖެނެރަލް އެންގެވީ، އެހީގެ ގޮތުގައި އިތުރަށް ދޫކުރި ފައިސާތައް އަނބުރާ ހޯދުމަށާއި އެކަމުގައި އިހުމާލުވި މުވައްޒަފުން ޒިންމާ ކުރުވުމަށެވެ. މިދިޔަ ޖޫން މަހުގެ އެހީގެ ގޮތުގައި ޖުމްލަ 4.6 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް