މާތް ﷲ އިންސާނުން ހައްދަވާފައިވަނީ ދުނިޔޭގައި އަޅުގަނޑުމެން ދިރިއުޅުމުގައި އެކަކު އަނެކެއްގެ އެހީތެރިކަމަށް އެކި ގޮތްގޮތުން ބޭނުން ޖެހޭގޮތަށެވެ. އެހެންކަމުން، އެހެން މީހުންގެ ފަރާތުން ކަމަކަށް ނުވަތަ އެހީތެރި ކަމަށް ބޭނުން ނުޖެހޭ މީހަކު ނުހުންނާނެއެވެ. އެގޮތުން އަޅުގަނޑު މި ލިޔުމުގައި އަލި އަޅުވާލާނީ އަހަރެމެން އެކަކު އަނެކަމަށް އެންމެ ބޭނުޖެހިފައިވާ އެއްކަންތަށް ކަމުގައިވާ އެކަކު އަނެކަކަށް ކުރާ މުއާމަލާތްތަކުގެ މައްޗަށެވެ.
އަހަރެމެން އިންސާނުން އެކަކު އަނެކަކާއި މުޢާމަލާތު ކުރުމުގައި އެންމެ ރިވެތި ގޮތްތައް އިސްލާމްދީނުގައި ދަސްކޮށް ދެއްވާފައިވެއެވެ. އެގޮތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އަނެކާއާ މުޢާމަލާތު ކުރަންޖެހޭ ގޮތުގެ ހަރުދަނާ އުސޫލުތަކެއް މި އުންމަތުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައެވެ. އެއީ، ކޮންމެ މީހަކުވެސް، ކަމެއް ޖެހޭ ހިނދު ނުވަތަ އާދައިގެ މަތިންވެސް އަނެކާއާ މުޢާމަލާތުކުރުމުގައި، އޭނާ ތިމަންނައާ މުޢާމަލާތު ކުރުމަށް ތިމަންނަ ލޯބިކުރާ ގޮތަށް އޭނާއާ ވެސް މުޢާމަލާތު ކުރުމެވެ.
މުޖުތަމަޢުގެ ތެރޭގައި އުޅޭ އެކިއެކި މީހުންގެ އުޅުމާއި މިޒާޖާއި އަޚްލާޤުވެސް ވަރަށް ތަފާތެވެ. އެގޮތުން ބައެއް މީހުންނަށް އެހެން މީހުންގެ ކިބައިގައި ހުންނަ ނުބައި ސިފަތައް އެކަނި ފެނި ފާހަގަ ކުރެވޭއިރު، އަނެއްބައިމީހުންނަކީ މީސްތަކުންގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް ދެނެގަންނަ މީހުންނެވެ.
އިސްލާމްދީނުގައި އަޅުގަނޑުމެންނަށް ވަނީ، މީސްތަކުންގެ ހުންނަ އުނި ކަންތައް ހޯދައި ބަލައި ހެދުން މަނާކުރައްވާފައެވެ. މީސްތަކުންގެ ޢައިބުތައް(ކުށްތައް) ހޯދައި އުޅުމަށް އެމީހުންނަށް ފާރަނުލުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރައްވާފައިވެއެވެ.
ހަމައެހެންމެ، މީހާގެ ކިބައިން ގޯހެއް ފެންނަހިނދު، އެކަމަށް ފޯކަސް ކުރުމުގެ ބަދަލުގައި އޭނާގެ ކިބައިގައި ހުންނަ ރަނގަޅު ކަމަށް، ނުވަތަ ކަންތައްތަކަށް ފޯކަސް ކުރުމަށް ދަސްކޮށްދެއްވާފައިވެއެވެ. ތިމާގެ ގޮތުން ގާތް ގުޅުމެއް އޮންނަ މީހާ ނުވަތަ އަނބި މީހާ ނުވަތަ ފިރިމީހާ ނުވަތަ ރައްޓެއްސެއްގެ ކިބައިން ހިތްހަމަނުޖެހޭ، އުނި ކަމެއް ފެނިއްޖެނަމަ، އޭނާގެ ކިބައިން ލިބިފައިވާ ނުވަތަ ފެނިފައިވާ ހެޔޮ ރަނގަޅު ކަމަކަށް ފޯކަސްކުރުމަށް އިސްލާމްދީނުގައި އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވެއެވެ. މުޖުތަމަޢުގައި އުޅޭއިރު، ތިމާގެ މުސްލިމު އަޚުންނާއި އުޚްތުންގެ ކިބައިން ފެންނަ ކަންތައްތަކުގައިވެސް މިކަމަށް ސަމާލުވާންޖެހޭނެއެވެ.
މުޖުތަމަޢުގައި މިދެންނެވި ގޮތަށް ބަލާއިރު މީސްތަކުން ދެބަޔަކަށް ބެހިގެން ދެއެވެ. އޭގެ ތެރެއިން އެއްބަޔަކީ މީސްތަކުންގެ ތެރެއިން އެހެންމީހުންގެ ކިބައިގައި ހުންނަ ހެޔޮ ކަންތައްތަކަށް ފޯކަސްކުރާ މީހުންނެވެ. އެމީހުން، ބޮޑަށް ފޯކަސްކުރާނީ މީހާގެ ކިބައިގައި ހުންނަ ހެޔޮ ކަމަށެވެ. ރަނގަޅު ކަމަށެވެ. އޭނާގެ ކިބައިގައި ހުންނަ އުނި ކަމަށް މިފަދަ މީހުންގެ ސަމާލުކަން ނުހުއްޓޭނެއެވެ.
އަނެއް ބަޔަކީ ކުރިން ދެންނެވުނު ގޮތަށް، މީހުންގެ ތެރެއިން އުނިސިފަތަކާއި ކުށްތައް ހޯދައި ބަލައި އޭގެ ފަހަތުން ސަލާމަތް ނުވެގެން ދުވެ އުޅޭ މީހުންނެވެ. އެމީހުންގެ ސިކުނޑިތައް ފުރިފައިވާނީ މީހުންގެ ކިބައިގައި ހުންނަ ގޯސް ކަންތައްތަކުންނެވެ. އެމީހުންނަށް މީހެއްގެ ކިބައިގައި ކިތަންމެ ގިނަ ރަނގަޅު ކަމެއް ހުރި ކަމުގައި ވިޔަސް، ގޯސްކަމެއް ހުރެއްޖެނަމަ، އެމީހާގެ އެކަމަށް ނޫނީ ސަމާލުކަން ނުދެވެއެވެ.
އަޅުގަނޑުމެން އިންސާނުއްނަށް ވީ ހިނދު ހިއްހަމަ ނުޖެހޭ ކަންކަމާއި ހިތްހަމަ ޖެހޭ ކަންތައް ކޮންމެ މީހެއްގެ ކިބައިންވެސް ފެނިދާނެއެވެ. ނަމަވެސް މިފަދަ ކަންތައްތަށް މިނެކިރަން ޖެހޭނީ ހިކުމަތްރެި ކަމާއި އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް