ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިން ފޯވާޑް ޑިއޭގޯ ކޯސްޓާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިކަން ކަށަވަރު ކޮށްދެމުން އެތްލެޓިކޯ މެޑްރިޑު އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެތްލެޓިކޯގެ ދެ ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެގޮތުން ޕޮޒިޓިވް ވެފައިވަނީ ޑިއޭގޯ ކޯސްޓާ އާއި ސަންޓިއާގޯ އަރިއަސް ކަމަށެވެ.
އެތްލެޓިކޯ އިން ނެރުނު މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުން މި ދެ ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެހެންކަމުން މި ދެ ކުޅުންތެރިން މިހާރު އައިސޮލޭޓް ވެސް ކޮށްފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަމްރީނުތަކުގައި މި ދެކުޅުންތެރިން ބައިވެރި ނުވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ ކުޅުންތެރިން އަދި މުވައްޒަފުން ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރާނެ ކަމުގައި ބުނެފައި ވެއެވެ.
މި ދެކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ވާހަކަ ދައްކަމުން އެތްލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ކުލަބަށް އަންނަ ސީޒަނަށް ތައްޔާރު ވުމަށް ޓަކައި އެކަށީގެންވާ ރަނގަޅު ވަގުތު ލިބިފަ އެބަ އޮތް ކަމަށާއި އެހެން ކަމުން އުންމީދު ކުރަނީ މިމަހުގެ 27 ވަނަ ދުވަހު އެތްލެޓީކޯ ގްރެނާޑާ އާއި ދެކޮޅަށް ކުޅޭ ލީގުގެ ފުރަތަމަ މެޗަށް ހުރިހާ ކުޅުންތެރިންނަށްވެސް ކުޅެވޭނެ ކަމަށެވެ.
" އާ ސީޒަނަށް ތައްޔާރު ވުމަށް އެތްލެޓިކޯ އަށް އެކަށީގެންވާ ވަގުތު ލިބިފައި އެބައޮތް، އެންމެ ފުރަތަމަ ލީގުގައި އެތްލެޓިކޯ ކުޅެން ޖެހޭ މެޗުވެސް އޮތީ މިމަހުގެ27 ވަނަ ދުވަހު ގްރެނާޑާ އާއި ދެކޮޅަށް. އުންމީދު ކުރަނީ ދެ ކުޅުންތެރިންނަށް ވެސް މި މެޗުގައި ކުޅެވޭނެ ކަމަށް" ކޯޗު ސިމިއޯނީ ބުނެފައިވެއެވެ.
ސްޕެނިޝް ލަލީގާގެ އައު ސީޒަން ފެށުމަށް ހަމަ ޖެހިފައިވަނީ މަމަހުގެ 12 ވަނަ ދުވަހުގައެވެ. އެގޮތުން ސީޒަން ފެށިގެން ދާނީ ގްރެނާޑާ އާއި އެތްލެޓޯ ކުލަބު ބައްދަލުކުރާ މެޗުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް