އަންނަ އޮކްޓޯބަރ މަހުން ފެށިގެން ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ވިއްކުމުގެ ވިޔަފާރި ރަޖިސްޓަރީ ކުރަން ލާޒިމްކޮށްފިއެވެ.
މިގޮތަށް ލާޒިމްކޮށްފައިވަނީ ސަރުކާރުން މިއަދު ގެޒެޓް ކުރި ޤަވައިދެއްގައެވެ.
އެ ގަވައިދު ބުނާގޮތުން، ތަނެއްގައި ތިބެގެން ނުވަތަ އޮންލައިންކޮށް ނުވަތަ ވަގުތީ ގޮތުން އަދި ދާއިމީ ގޮތުން ވިޔަސް ތަރުކާރީ އާއި މޭވާ ވިއްކާ ނަމަ ވިޔަފާރިއެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ.
ރަޖިސްޓަރީ ނުކޮށް އެފަދަ ވިޔަފާރިއެއް ހިންގާ ކޮންމެ ފަރާތެއް 10،000ރ. އިން ޖޫރިމަނާ ކުރާ އިރު، އެފަދަ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަ ނުވާ ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށްވެސް އަންނަ މަހުން ފެށިގެން ޢަމަލުކުރާ އެ ގަވާއިދުގައި ވެއެވެ.
އެ ގަވާއިދުގައި ބުނެފައިވަނީ މިހާރު ހިންގާ އެފަދަ ވިޔަފާރިތައްވެސް ގަވައިދަށް އަމަލުކުރަން ފަށާތާ 30 ދުވަސް ތެރޭގައި ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށެވެ.
އެފަދަ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ އެ މީހުން ވަޒީފާ އަދާ ކުރުމުގެ ގަވާއިދުގެ ދަށުން ކަމަށް އާ ގަވައިދުގައި ބަޔާންކޮސްފައިވާ އިރު، ގަވާއިދު ބުނާގޮތުން، ތަރުކާރީ އާއި މޭވާ ވިއްކުމުގެ ވިޔަފާރި ރަޖިސްޓަރީކޮށް ދޭނީ އެ ވިޔަފާރިއެއް ހިންގާ އިމާރާތުގައި އެކަން ކުރުމަށް ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުން ދޭ ހުއްދައެއް އޮތް ނަމަ އެވެ.
އަދި ވިޔަފާރިކުރާ ތަނެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަތޯ އާއި އެފަދަ ތަންތަން މިންގަނޑަށް ފެތޭތޯ ކައުންސިލްތަކުން އިންސްޕެކްޓް ކުރާނެ ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް