ކައިވެންޏަށްފަހު ބޮލީވުޑަށް ތައާރަފްވި ބައެއް ބަތަލާއިން

ޒަމާނުންސުރެ ޤަބޫލު ކުރެވެމުން އައީ، ފިލްމީ ތަރިޔަކު ކައިވެނި ކުރާ ހިސާބުން އޭނާގެ ފިލްމީ ކެރިއަރަށް ނިމުން އަންނާނެ ކަމަށެވެ. ނަމަވެސް މި ވާހަކައަކީ އެއްވެސް އޮއްޓަރެއް ނެތި ފަތުރަމުން އަންނަ ހަގީގަތ...

04 Sep 2020 | 08:37

ޒަމާނުންސުރެ ޤަބޫލު ކުރެވެމުން އައީ، ފިލްމީ ތަރިޔަކު ކައިވެނި ކުރާ ހިސާބުން އޭނާގެ ފިލްމީ ކެރިއަރަށް ނިމުން އަންނާނެ ކަމަށެވެ. ނަމަވެސް މި ވާހަކައަކީ އެއްވެސް އޮއްޓަރެއް ނެތި ފަތުރަމުން އަންނަ ހަގީގަތެއް ނެތް ވާހަކަތަކެއް ކަން ވަރަށް ގިނަ ތަރިން ވަނީ ސާބިތުކޮށްދީފައެވެ.

ތިރީގައި މިވަނީ ބޮލީވުޑަށް ތައާރަފް ވުމުގެ ކުރިން ކައިވެނިކޮށް، ފިލްމީ ދާއިރާގައި ވަރުގަދަ އަދި ސަޕޯޓަރުން ސިއްސުވާލާ ފަދަ މޮޅެތި ފިލްމުތަކެއް ގެނެސްދިން ބައެއް ބަތަލާއިންނެވެ.

މަލިކާ ޝެރާވަތު

މަލިކާ ޝެރާވަތުގެ ނަމުން މަޝްހޫރުވުމުގެ ކުރިން އެއީ ރީނާ ލަމްބާއެވެ. މަލިކާ ކައިވެނި ކުރީ ޖެޓް އެއާވޭސްގެ ޕައިލެޓެއް ކަމަށްވާ ކަރަން ސިންގް ގިލް އާއެވެ. ނަމަވެސް މަލިކާ ވަނީ ކަރަން ވަރިކޮށް، އޭނާގެ ނަން ބަދަލުކުރުމަށްފަހު ބޮލީވުޑަށް ތައާރަފްވެ މޮޅު އެންޓިން އެއް ބެލުންތެރިންނަށް ދައްކުވައިދީފައެވެ. އޭނާ ބޮލީވުޑަށް ތައާރަފްވީ "ޖީނާ ސިރްފް މޭރޭ ލިއޭ" އިންނެވެ. ނަމަވެސް އާންމުންގެ ތެރޭގައި އޭނާގެ އެންޓިންގް މަޝްހޫރުވީ އިމްރާން ހާޝްމީއާއި އެކު މަލިކާ ކުޅުނު ފިލްމު "މާޑާ" އިންނެވެ.

ވިދްޔާ މަލްވަޑޭ

ބޮލީވުޑަށް ތައާރަފް ވުމުގެ ކުރިން ވިދްޔާ މަލްވަޑޭ އަކީ ގާނޫނީ ދާއިރާއިން ތައުލީމު ހާސިލްކޮށް އެއާ ހޮސްޓެސްއެއް ގޮތުގައި މަސައްކަތް ކުރަމުން އައި ފަންނާނެކެވެ. ވިދްޔާ ކައިވެނިކޮށްގެން އުޅުނީ ކެޕްޓަން އަރްވިންދް ސިންގް ބައްގާ އާއެވެ. ނަމަވެސް އަރްވިންދް ވަނީ 2000 ވަނަ އަހަރު ހިނގި މަތިންދާ ބޯޓު އެކްސިޑެންޓެއްގައި ދުނިޔެ ދޫކޮށްފައެވެ. އޭގެ ތިން އަހަރު ފަހުން، ވިދްޔާ ބޮލީވުޑަށް ތައާރަފްވީ ވިކްރަމް ބަޓްގެ ފިލްމު "އިންތިހާ" އިންނެވެ. ނަމަވެސް ވިދްޔާ އާންމުންގެ ތެރޭގައި ފާހަގަވެގެން ދިޔައީ ފިލްމު "ޗަކްދޭ އިންޑިއާ" ގައި އޭނާ ކުޅުނު ގޯލް ކީޕަރުގެ ރޯލުންނެވެ.

ޗިތްރަންގްދާ ސިންގް

މި ރީތި ބަތަލާ ބޮލީވުޑަށް ތައާރަފްވުމުގެ ކުރިން 2001 ވަނަ އަހަރު ކައިވެނިކުރީ ގޮލްފު ކުޅުންތެރިޔާ ޖޯތީ ސިންގް ރަންދާވާ އާއެވެ. އޭނާ ބޮލީވުޑަށް ތައާރަފްވީ 2003 ވަނަ އަހަރު ނެރުނު ސުދީރް މިޝްރާގެ ފިލްމު "ހަޒާރޯން ހުވާއިޝޭން އެއިސީ" އިންނެވެ. އޭނާ ބޮލީވުޑްގައި ދައްކުވައިދިން ވަރުގަދަ އެންޓިންގެ އިތުރުން ޗިތްރަންގްދާއަކީ ބޮލީވުޑްގައި ފާހަގަކޮށްލެވޭ ރީތި މަންމައެކެވެ. އޭނާގެ ހުންނަނީ ފިރިހެން ދަރިއެކެވެ.

މާހީ ގިލް

ބޮލީވުޑްގައި ވަރުގަދަ ރޯލުތަކެއް ލިބުމުގެ ކުރިން، މާހީ ގިލް އަކީ ރިމްޕީ ކޯރެވެ. އޭނާ ކައިވެނި ކޮށްފައިވަނީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅެވެ. ނަމަވެސް އޭނާގެ ވަރިއަށްފަހު ބޮޑު ސްކްރީނުގައި ހުނަރު ދައްކާލުމުގެ ފުރުސަތު މާހީ އަށް ލިބުނީ 2003 ވަނަ އަހަރު ނެރުނު ފިލްމު "ހަޒާރޯން ހުވާއިޝޭން އެއިސީ" އިންނެވެ. އަދި އަނޫރާގް ކަޝްޔަޕްގެ "ދޭވް ޑީ" އިން އޭނާ ވަނީ ބޮލީވުޑުގައި އޭނާގެ ފައިތިލަ ރަނގަޅަށް ސާބިތުކޮށްފައެވެ.

އަދިތީ ރާއޮ ހައިދަރީ

އަދިތީ ވަނީ 2006 ވަނަ އަހަރު ސަންދީޕް މިޝްރާ އާއި ކައިވެނި ކޮށްފައެވެ. ނަމަވެސް ވަރިޔަށް އަހަރެއް ނުވަނީސް 2008 ވަނަ އަހަރު ނެރުނު ފިލްމު "ދެލީ 6" އިން އޭނާ ވަނީ ބޮލީވުޑަށް ތައާރަފްވެފައެވެ. މިއަދާ ހަމައަށް އަދިތީ ވަނީ ވަރުގަދަ އެކްޓިންގް އެއް ދައްކުވައިދީފައެވެ.

ސަނީ ލިއޯނީ

ސަނީ ލިއޯނީ ވަނީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ ޑެނިޔަލް ވެބާ އާއި 2011 ވަނަ އަހަރު ކައިވެނިކޮށްފައެވެ. އަދި އޭނާ ބޮލީވުޑަށް ތައާރަފްވެފައިވަނީ 2012 ވަނަ އަހަރު ނެރުނު ޕޫޖާ ބަޓްގެ ފިލްމު "ޖިސްމު 2" އިންނެވެ. ސަނީ އަންނަނީ އޭނާގެ ހުނަރާއި ގާބިލިއްޔަތުކަން ވަރަށް ފުރިހަމަކަމާއި އެކު ދައްކަމުންނެވެ.

ރާކީ ގުލްޒާރު

1963 ވަނަ އަހަރު ރާކީ ވަނީ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އަޖޯއި ބިސްވާސް އާއި ކައިވެނި ކޮށްފައެވެ. ނަމަވެސް އަހަރެއް ތެރޭ މި ދެމީހުންގެ ކައިވެނި ވަނީ ރޫޅިފައެވެ. އޭގެ ފަހުން ރާކީ ވަނީ ބަތަލަކަށް ވުމުގެ ހުވަފެނުގައި ކުލަ ޖެއްސުމަށް މަސައްކަތް ފަށައިފައެވެ. އޭނާ ފުރަތަމަ ކުޅެފައިވަނީ ބެންގާލީ ފިލްމެއް ކަމަށްވާ ބަދޫ ބަރަންއެވެ. ނަމަވެސް 1970 ވަނަ އަހަރު އޭނާ ވަނީ " ޖީވަން މިރްތިޔު" ފިލްމުން ބޮލީވުޑަށް ތައާރަފްވެފައެވެ. ރާކީ އަކީ މިހާތަނަށް ބޮލީވުޑްގައި މަސައްކަތްކުރި އެންމެ ކުޅަދާނަ ބަތަލުން ތެރެއިން އެކަކެވެ.

ޑިމްޕަލް ކަޕާޑިއާ

ގުޖްރާތުގެ މަޝްހޫރު ވިޔާފަރަވެރިއެއްގެ ދަރި ޑިމްޕަލް ކަޕާޑިއާ ބޮލީވުޑަށް ތައާރަފްކުރީ އޭރުގެ މަޝްހޫރު ތަރި ރާޖް ކަޕޫރެވެ. 1973 ވަނަ އަހަރު ފިލްމު "ބޮބީ" ގެ ޝޫޓިންގް ތެރެއިން އޭނާގެ ހިތް ފަތަހަ ކުރީ ރާޖޭޝް ކަންނާއެވެ. ފިލްމު ރިލީޒްކުރުމުގެ ކުރިން 16 އަހަރުގެ ޑިމްޕަލް ވަނީ ރާޖޭޝް ކަންނާ އާއި ކައިވެނި ކޮށްފައެވެ. އަދި އެންމެ ފިލްމަކަށްފަހު އޭނާ ވަނީ ބޮލީވުޑް ދޫކޮށްލައިފައެވެ. ނަމަވެސް ވަރިއަށްފަހު ވަރުގަދަ އެކްޓިންގް އަކާއި އެކު އޭނާ ވަނީ ބޮލީވުޑުގައި އަލުން ފުރުސަތުތައް ހޯދަން ފަށައިފައެވެ.

މި ބަތަލުން ދައްކުވައިދީފައި މިވަނީ ކައިވެންޏެއް ކުރުމުން ހުވަފެންނުގައި ކުލަޖެހުމަށް ހުރަހެއް ނެތް ކަމެވެ. އެކްޓިންގެ ހުނަރުން މި ތަރިން ވަނީ އެގޮތަށް ދެކެމުން އައި ގިނަ ބައެއްގެ ވިސްނުން ބަދަލުކޮށްލައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް