ހުސެއިން މުހައްމަދަކީ ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް: ރައީސް ސޯލިހް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދަކީ ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮލަފާ މަޝްވަރާ ދެއްވި ހެޔޮ އެކުވެރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާ...

04 Sep 2020 | 08:22

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދަކީ ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮލަފާ މަޝްވަރާ ދެއްވި ހެޔޮ އެކުވެރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ހުސެއިން މުހައްމަދު ސޯލިހް އަވަހާރަވި ހަބަރާއެކު އާއިލާއަށް ތައުޒިޔާ ދަންނަވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ޙުސެއިން މުޙަންމަދު ނިޔާވި ޙަބަރު އެހީ ފުން ހިތާމަޔާއެކުގައި ކަމަށާއި ޙުސެންނަކީ ޤައުމަށް ތަފާތު އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އަދި ރައީސް ސޯލިހާއި ގާތް އެކުވެރިއެއް ކަމަށެވެ.

"ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް. މަރުޙޫމަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަންދެއްވާށި. آمين" ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.

އުމުރުން 71 އަހަރުގައި ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި މަތިވެރި ދާއިރާގެ މެންބަރުކަން ކުރެއްވި ހުސެއިން މުހައްމަދުވ ވަނީ ރާއްޖޭގެ ސިޔާސީ ދާއިރާގައްޔާއި ތައުލީމީ ދާއިރާގައި އަދި މީޑިއާގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ.

އެގޮތުން ސިޔާސީ ދާއިރާއަށް ބަލާލާއިރު އަރިއަތޮޅު އުތުރުބުރީ މެންބަރުކަން 2005 އިން 2009 ކުރެއްވިއެވެ. އަދި މަތިވެރި ދާއިރާގެ މެންބަރުކަން 2009 އިން 2019 އަށް ކުރެއްވިއެވެ. ތައުލީމީ ދާއިރާއަށް ބަލާލާއިރު އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމާއި މިނިސްޓަރުގެ ނައިބުކަން ކުރެއްވިއެވެ.

މީގެ އިތުރުން މީޑިއާގެ ދާއިރާއަށް ބަލާލާއިރު ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވިއެވެ. އެގޮތުން ޓީވީ މޯލްޑިވްސްގެ ޑިރެކްޓަރ ޖެނެރަލް ކަމާއި އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރެއްވިއެވެ. ގައުމީ ޓީވީ އާއި ރޭޑިއޯ ހިންގެވުމުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް