ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާގެ ހައްގު އެއްވެސް ހުރަހެއް ނެތި ފޯރުކޮށްދޭން އެމްނެސްޓީ އިންޓަނޭޝަނަލް އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.
އަދީބްއަށް ބޭސްފަރުވާގެ ކަންކަން ފަހި ކޮށްދެއްވުމަށް އެމްނެސްޓީ އިން ގޮވާލާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް ފޮނުއްވި ސިޓީ އެއްގައެވެ.
އެ ސިޓީގައި ބުނެފައިވަނީ އަހުމަދު އަދީބުއަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވަނިކޮށް އަނެއްކާ އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަދީބަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުނެރެ އަދީބު މާފުށީ ޖަލަށް ގެންގޮސްފައެވެ.
އެމްނެސްޓީން ފޮނުވި ސިޓީގައި، ބަންދުގައި ތިބޭ މީހުންނަށް ވެސް އެކަށީގެންވާ ބޭސްފަރުވާ ދިނުމަކީ ދައުލަތުގެ މައްޗަށް ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ލާޒިމްކުރާ ކަމެއް ކަމަށާއި އެހެންވެ، އެއްވެސް ހުރަހެއް ނެތި ބޭސްފަރުވާގެ ހައްގު އަދީބަށް ފޯރުކޮށްދިނުމަށް ގޮވާލައިފައިވެއެވެ.
މީގެ އިތުރުން މުޅި ދުނިޔެ ބަލި މަޑުކަމެއްގައި އޮތް ދުވަސްވަރެއްގައި ބޭސް ފަރުވާ އިން އަދީބު މަހުރޫމް ކޮށްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އަދީބު ޖަލުގައި ނުބެހެއްޓުމަށް އެމްނެސްޓީން ރައީސް އަށް ވަނީ ދަންނަވާފައެވެ.
ރާއްޖެ އިން ބޭރުން އަދީބު ހޯއްދަވަންޖެހޭ ފަރުވާ އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުރަސް އަޅާފައި ވަނިކޮށް އެ ފުރުސަތު މި ސަރުކާރުން ދިނަސް، އަދީބަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކަކީ ރާއްޖެއިން ފަރުވާ ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށްވެސް އެމްނެސްޓީގެ އެންގުމުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް