ޓޫރިޒަމަށް ހާއްސަ ބިންތަކުގެ ކުލި ނުދެއްކުމުން އަރާ ޖޫރިމަނާ ކުޑަކޮށްފި

ޓޫރިސްޓު ފެސިލިޓީތަކަށް ދޫކޮށްފައިވާ ބިމުގެ ކުލިން ނަގާ ޖޫރިމަނާ، ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި މި އޮތް ހާލަތަށް ނިސްބަތްކޮށް، ކުޑަކޮށްފި އެވެ. މިނިސްޓްރީ އޮފް ޓުއަރިޒަމްއިން މިގޮތ...

04 Aug 2020 | 14:04

ޓޫރިސްޓު ފެސިލިޓީތަކަށް ދޫކޮށްފައިވާ ބިމުގެ ކުލިން ނަގާ ޖޫރިމަނާ، ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި މި އޮތް ހާލަތަށް ނިސްބަތްކޮށް، ކުޑަކޮށްފި އެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްއިން މިގޮތަށް ނިންމާފައިވަނީ ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުންނެވެ.

ޤަވާއިދުގައި ކުރިން އޮތް ގޮތުން ޓޫރިސްޓް ރިސޯޓު، ހޮޓާ، ގެސްޓްހައުސްއަކުން ސަރުކާރަށް ކުލި ދަށްކަންޖެހޭ ތާރީހަށް ކުލި ނުދައްކައިފިނަމަ ނުދައްކައި އޮތް ކުލި ސަރުކާރަށް ދެއްކުމާއި ހަމަޔަށް ހިނގާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް ކުލީގެ 0.5 އިންސައްތައިގެ ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ބަދަލަށް އަމަލުކުރާނެ ކަމަށް މިނިސްޓްރީ އޮފް ޓުއަރިޒަމްއިން ބުންޏެވެ.

ނަމަވެސް މިހާރު މިޤަވާއިދަށް ގެނައި ބަދަލާއިއެކު ޓޫރިސްޓް ރިސޯޓު، ހޮޓާ، ގެސްޓްހައުސްތަކުން ސަރުކާރަށް ކުލި ދައްކަންޖެހޭ ތާރީހަށް ކުލި ނުދައްކައިފިނަމަ ނުދައްކައި އޮތް ކުލި ސަރުކާރަށް ދެއްކުމާއި ހަމަޔަށް ހިނގާ ކޮންމެ ދުވަހަކަށް، ޖޫރިމަނާގޮތުގައި ދައްކަން ޖެހޭނީ ކުލީގެ 0.0493 އިންސައްތައެވެ.

ރާއްޖޭގެ ޓޫރިސްޓު ފެސިލިޓީތަކުން ސަރުކާރަށް ކުލި ދައްކަމުން އަންނަނީ ކޮންމެ އަހަރެއްގެ ކުލި ހަތަރު ކުއާޓަރަށް ބަހާލައިގެންނެވެ. އެހެންކަމުން ކުލި ދައްކަން ޖެހޭ މުއްދަތު ކޮންމެ ކުއާޓަރެއްގެ ފުރަތަމަ ދުވަހުން ފެށިގެން ހަމަވާނެ އެވެ. އެއަށް ފަހު ކުލި ނުދައްކާ ކޮންމެ ދުވަހަކަށް ޖޫރިމަނާ އަރަ އެވެ.

ކޯވިޑް-19 ފެތުރެން ފެށުމާ އެކު ރާއްޖޭގެ ޓޫރިޒަމް ދަށްވެފައި ވާތީ ސަރުކާރުން އަންނަނީ ޓޫރިސްޓު ފެސިލިޓީތަކަށް ލުއިތައް ދެމުންނެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ބުނީ، ފަސްކޮށްދެއްވާ ކުލި އަނބުރާ ދައްކަންވާނީ 1 އަހަރުދުވަހުގެ މުއްދަތަށް ބަހާލައިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް