މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށް ރަށުގައި މާސްކު އެޅުމަށް އެޗްޕީއޭ އިން އަންގައިފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު، އައިޝަތު ސާމިޔާ ވިދާޅުވީ، ރަށްރަށުގައި މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސް ކުރަނީ މާލެއިން ދާ ބައެއް މީހުން ޕޮސިޓިވް ވަމުންދާތީ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ދާ މީހުން ކަރަންޓީންގައި ތިބި ނަމަވެސް ކަނޑައެޅިފައިވާ ތަނަށް ދާއިރުވެސް ގިނަ ބަޔަކާއި ބައްދަލުވެފައި ހުންނަ ކަމަށެވެ.
ސާމިޔާ ވިދާޅުވީ ޕޮސިޓިވް ކޭސްތައް ހުރި ރަށްރަށުގައި އާންމުތަންތަނަށް ނުކުމެ އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ކަމަށެވެ. އެކަމަކު އާންމު ހާލަތުގައި ހުރި ރަށްރަށުގައި މަޖުބޫރު ނުކުރި ނަމަވެސް އެދެވިގެން ވަނީ މާސްކު އެޅުން ކަމަށެވެ.
ހުރިހާ އެންމެން މާސްކު އެޅަން ޖެހުމުން ޑިމާންޑައި އެއްވަރަށް ސާޖިކަލް މާސްކު ނުލިބިދާނެކަން ފާހަގަ ކުރައްވާ ސާމިޔާ ވިދާޅުވީ ރައްކާތެރިކަމަށް ޓަކައި ފޮތި މާސްކު އެޅުން އެންމެ ރަނގަޅުވާނެ ކަމަށެވެ.
އަދި އެ ރަށްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމުގައި މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފައި އެވެ.
ރާއްޖޭގެ ހަ އަތޮޅެއްގެ 10 ރަށެއްގައި ކޯވިޑަށް ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ގިނަ ރަށްރަށުގައި ތިބި ޕޮސިޓިވް މީހުންނަކީ މާލެއިން ގޮސް ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް