މާލޭގައި ރޭގަނޑު 10:00 ން ފަތިހު 5:00 އަށް ކާފިއު ހިންގަނީ

މާލޭ ސިޓީގައި ރޭގަނޑު10: ން ފަތިހު5:00 އަށް ކާފިއު ހިންގަން ނިންމައިފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް...

04 Aug 2020 | 11:36

މާލޭ ސިޓީގައި ރޭގަނޑު10: ން ފަތިހު5:00 އަށް ކާފިއު ހިންގަން ނިންމައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު، އައިޝަތު ސާމިޔާ ވިދާޅުވީ މިރެއިން ފެށިގެން ރޭގަނޑު 10:00 އަށް ފަހު އެއްގަމު އުޅަނދު ދުއްވުމާއި މީހުން ބޭރުގައި އުޅުން މަނާވާނެ ކަމަށެވެ. އަދި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް އެގަޑީގައި ނުދެވޭނެ ކަމަށެވެ.

ސާމިޔާ ވިދާޅުވީ 10:00 ވާއިރު މަގުމަތީގެ އެއްވެސް ހަރަކާތެއް ފެނިގެންނުވާނެ ކަމަށާއި އެގޮތަށް އަމަލު ކުރުމަށް ރޭގަނޑު9:30 ގައި ފިހާރަތައް ބަންދު ކުރަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކާފިއު ހިންގާ ގަނޑި ފިޔަވާ އެނޫން ގަނޑިތަކުގައި މާލެ ހުޅުމާލެ އަދި ވިލިމާލެ އާއި ތިލަފުށީގެ އިތުރުން ގުޅީފަޅުން މާލެ ސަރަހައްދުގައި އެއް ރަށުން އަނެއް ރަށްތަކަށް ދަތުރު ކުރަން ޖެހޭނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހުއްދަ ހޯދައިގެން ކަމަށެވެ. އަދި މާލެ ސިޓީ އާއި ތިލަފުށި އަދި ގުޅީފަޅުގައި އާންމުކޮށް ބޭރަށް ނުކުމެ އުޅެވޭނީ އެއްފަހަރާ ފަސް މީހުންނަށް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ މަސައްކަތްތައް ވީހާވެސް ބޮޑަށް ގޭގައި ކުރިޔަށް ގެންދެވޭނެ އިންތިޒާމެއް ރޭވުމަށް އިލްތިމާސް ކުރެއްވި އެވެ. ސާމިޔާ ވިދާޅުވީ އޮފީހަށް ނުކުމެގެން މަސައްކަތް ކުރެވޭނީ އެ އޮފީހެއްގައި ވަޒީފާ އަދާ މީހުންގެ 50 ޕަސެންޓަށް ކަމަށެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ގަވައިދާ ހިލާފުވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އަދަބު ލިބޭނެ ކަމަށެވެ. އަދި މަނާ ގަޑީގައި އާންމުން ބޭރަށް ނުކުމާތޯ އާއި އެއްގަމު އުޅަނދު ދުއްވާތޯ ފުލުހުން ވަރަށް ރަނގަޅަށް މޮނިޓާ ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން މާލެ ލޮކސްޑައުން ކުރި އިރު ބޭރަށް ނުކުތުމަށް ވަކި ބަޔަކަށް ފާސް ދޫކުރި ނަމަވެސް މި ފަހަރު އެ އުސޫލުން އަމަލު ނުކުރާނެ ކަމަށެވެ. މިފަހަރު އެއްގަމު އުޅަނދުތަކަށް ހުއްދަ ދޫނުކުރާނެ ކަމަށާއި މަގުމަތީގައި އުޅެވެނީ ސިފައިން، ދުލުހުން، ހެލްތް މިނިސްޓްރީ އަދި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އުޅަނދުތަކަށް ކަމަށެވެ.

މީގެ އިތުރުން ކާފިއު ހިންގާ ވަގުތުތަކުގައި ވަޒީފާއަށް ދާން ޖެހޭ މީހުން އޮފީސް ކަޑު ނުވަތަ ޔޮނީފޯމްގައި ހުރުމުން އޮފީހަށް ދިއުމުގެ ހުއްދަ ދެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް