ކޯވިޑް ފެތުރުން އިތުރުވުމުން އީސީގެ ބައެއް އާންމު ހިދުމަތްތައް މެދުކަނޑާލައިފި

އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިން ދެމުން ގެންދާ ބައެއް އާންމު ހިދުމަތްތައް މެދުކަނޑާލައިފި އެވެ. އީސީން ބުނީ މި ގޮތަށް ނިންމީ ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު މި ދުވަސްވަރު އަނެއްކާވެސް އިތުރުވެފައިވާތ...

04 Aug 2020 | 08:04

އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިން ދެމުން ގެންދާ ބައެއް އާންމު ހިދުމަތްތައް މެދުކަނޑާލައިފި އެވެ.

އީސީން ބުނީ މި ގޮތަށް ނިންމީ ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު މި ދުވަސްވަރު އަނެއްކާވެސް އިތުރުވެފައިވާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. މި ފިޔަވަޅު އެޅީ އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުގައި އެންމެ ގިނަ ބަޔަކަށް ކޯވިޑް ޖެހެމުންދަނީ އޮފީސް މާހައުލުން ކަމަށް ބުނެފައިވާތީ ކަމަށް އީސީން ބުނެ އެވެ.

އެ ކޮމިޝަނުން ބުނީ އާންމު ފަރުދުން ހާޒިރުވެގެން ހޯދަން ޖެހޭ ހިދުމަތްތައް މެދުކަނޑާލާފައިވާ ކަމަށެވެ. ދެން ސަރުކާރު ހުޅުވުމުން އެހެން ބައެއް އާންމު ހިދުމަތްތައް ފޯރުކޮށްދެމުން ދާނީ ކޮމިޝަންގެ އީމެއިލް [email protected] މެދުވެރިކޮށް ކަމަށް އީސީން ބުންޏެވެ.

ކޯވިޑާއި ގުޅިގެން އީސީގެ ރަސްމީ ގަޑިއަށްވެސް ވަނީ ބަދަލު ގެނެސްފައި އެވެ. ކޮމިޝަންގެ ރަސްމީ ގަޑިއަކީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 ކަމުގައި ވަނީ ހަމަޖައްސާފައިވެ އެވެ.

ކޯވިޑް ފެތުރުން އިތުރުވުމާއި ގުޅިގެން އީސީގެ އާންމު ހިދުމަތްތައް މެދުކަނޑާލި އިރު މި ހަފްތާގައި ސަރުކާރު އޮޮފީސްތައް ބަންދު ކުރަން ވަނީ ނިންމާފައި އެވެ. މި ފަހަކުން މާލޭގައި ކޮންމެ ދުވަހަކު 100 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވެ އެވެ.

އަދި އެއީ އާބާދީއަށް ބަލާއިރު ބޮޑު އަދަދަކަށް ވާތީ އެޗްޕީއޭއިން ދަނީ ފަރުދީ ޒިންމާއެއްގެ ގޮތުން ވައިރަސް ނުޖެހޭނެ ގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރަމުންނެވެ. އެގޮތުން މާސްކު އަޅައި މަގުމަތީގައި އުޅޭއިރު ގައިދުރުކަމަށް ސަމާލުކަން ދިނުމުގެ ގޮތުން ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭރަށް ނުދިއުމަށް ދަނީ އެދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް