ސީއެސްސީގައި ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ ހަތަރު މަގާމަށް ކުރިމަތިލުމުގެ މުއްދަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރޭ ބުނީ ސީއެސްސީން މެންބަރުންގެ ތެރެއިން...

04 Aug 2020 | 07:41

ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ ހަތަރު މަގާމަށް ކުރިމަތިލުމުގެ މުއްދަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރޭ ބުނީ ސީއެސްސީން މެންބަރުންގެ ތެރެއިން ހަތަރު މެމްބަރަކު ތިއްބެވި ގޮނޑި ހުސްވެފައި ވާތީ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައި އޮތް އޮތުން އޯގަސްޓު މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ. މި މުއްދަތުގައި މަޖިލީހުގެ ޖަލްސާތައް ނެތް ނަމަވެސް މަޖިލީހުގެ އިދާރާ ހުޅުވާފައި ހުންނާނެ ކަމަށާ ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލާ ބޭފުޅުންގެ ފޯމްތައް ބަލައިގަންނާނެ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ހަތަރު މެމްބަރެއްގެ މަޤާމު ހުސްވެފައިވަނީ ހަތަރު މެމްބަރުންވެސް މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅިފައިވަނިކޮށް ތިން މެމްބަރަކު މަޤާމުން އިސްތިއުފާ ދެއްވައި، އެއް މެމްބަރެއްގެ އިތުބާރު ނެތްކަމަށް ވޯޓްނަގައި ފާސްކޮށްފައިވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ސިވިލް ސާވިސް ކޮމިޝަންގެ ހަތަރު މެމްބަރަކު ވަކި ކުރުމަށް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވުމާއި ގުޅިގެން، ތަޅުމުގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިންވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. މަޤާމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ. އޭނާ ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހީމް ޝަހީޤާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބަލާފައި ވަނީ މައިގަނޑު ފަސް މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަން ކުރުމުގައި ނުފޫޒުގެ ބޭނުންކުރުމާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަަލަތަކެވެ.

މިހާރު ސީއެސްސީގައި އިންނެވީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ. އާމިރާ ވަކި ކުރަން ކޮމިޓީގައި ނެގި ވޯޓުގައި ބައިވެރިވި ނުވަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވީ އޭނާ ވަކި ނުކުރާށެވެ، އޭނާއަކީ ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އެވެ.ވވ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް