ބަލިމަޑުކަމެއް ގައުމެއްގައި ފެތެރެމުންދާ އިރު އެއް ދުވަހަށް ވުރެ އަނެއް ދުވަހު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެގެންދިއުމަކީ އާންމު އުސޫލެވެ. ރާއްޖޭގައި ވެސް އާންމުކޮށް މިކަން ހިނގާފަ އޮތީ މި ބީދައިންނެވެ. ކޮވިޑް19 އަކީ އަޅުގަނޑުމެން އެންމެންގެ އާންމު ސިއްހަތާއި ދިރިއުޅުމާއި ގުޅުން ހުރިކަމަކަށް ވާތީ އަޅުގަނޑުވެސް ދިވެހިންގެ ގިނަ ބައެކޭ އެއްފަދައިން ކޮވިޑް19 ގައި ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް ދެނެގަތުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެމެވެ. އެޗްޕީއޭގެ ޓްވިޓަރ ދޭތެރެ ދޭތެރެއިން ޗެކްކޮށްލެވެއެވެ. ޕޯޓަލް ބަލާލެވެއެވެ. މިހެން ބެލުމުގެ ތެރޭގައި އަޅުގަނޑަށް ވަރަށް ފާހަނގަކޮށްލެވޭ ޓްރެންޑެއް ފެނުނެވެ.
ތިރީގައިވާ ގްރާފުން މިބުނާ ޓްރެންޑް ވަރަށް ސާފުކޮށް ފާހަނގަވާނެއެވެ. ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެއް ދުވަހު ކޭސްތައް އިތުރުވެފަ ހުރެއެވެ. މި ޓްރެންޑް ފާހަގަކުރެވެން ފެށީ ޖުލައި މަހުގެ 21 އިން ފެށިގެންނެވެ. އެ ދުވަހު ޕޮޒިޓިވް ކޭސްތަކުގެ އަދަދަކީ 45 އެވެ. އަނެއް ދުވަހު 59 އެކެވެ. 23 ވަނަ ދުވަހު ޕޮޒިޓިވްވީ މީހުންގެ އަދަދު 17 އަށް ވެއްޓުނެވެ. ޖެހިގެން އައި 24 ގައި އެ އަދަދު 55 އިތުރުވިއެވެ. ޖުލައި 28 ގައި ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 137 ގައެވެ. އެހެނަސް ޖެހިގެން އައި ދުވަހު އެ އަދަދު 61 ވެއްޓުނެވެ. ދޭއް އޮގަސްޓްގައި 215 މީހުން ޕޮޒިޓިވްވެ ރާއްޖެ ހާސްކަމަކަށް ދިޔައެވެ. އެހެނަސް ޓްރެޑްގެ އުސޫލުން ޖެހިގެން އައި ދުވަހު އަދަދު މަދުވާންޖެހެއެވެ. ވީހެން އެހެންނެވެ. އެ އަދަދު 129 އަށް ދަށްވިއެވެ.
ކޮވިޑް ނަވާރަ ދުނިޔޭގެ އެކި ގައުމުތަކުގައި ފެތެރެމުންދާ ޓްރެންޑަށް ބަލާއިރު އެއް ދުވަހު މާ ބޮޑަށް އިތުރުވެފަ އަނެއް ދުވަހު މާބޮޑަށް މަދުވާ މަންޒަރެއް ނުފެނެއެވެ. އެއްގޮތަކީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދިއުމެވެ. އަނެއް ގޮތަކީ މަދުވަމުން ދިއުމެވެ. ކޮވިޑް 19 ކޮމިއުނިޓީގައި ފެތެރެންފަށާ ދުވަސްވަރު ކޭސްތައް އިތުރުވަމުންދެއެވެ. އެޗްޕީއޭގެ ލަފާކުރުންތަކުގައި ލަފާކޮށްފައި ވަނީ އެ ގޮތަށެވެ. އެހެންކަމުން އާންމުކޮށް ދެ ދުވަހުން އެއް ދުވަހު ކޭސްތައް އިތުރުވާކަމަށް ދައްކާނަމަ އޭގައި މައްސަލަތައް އެބައުޅެއެވެ. ރާއްޖޭން ވެސް މި ފެންނަނީ މިކަހަލަ މައްސަލަތަކެއް ކަމަށް ވެދާނެއެވެ. އެއް މައްސަލައަކީ ޕޮޒިޓިވް ވެފައި ހުރި މީހަކާއި ކޮންޓެކްޓްވުމުން އެ މީހުން އެޗްޕީއޭއަށް އެންގުމުން ޓެސްޓްކުރުމެއް ނެތި 14 ދުވަހު ގޭގައި މަޑުކުރަން އަންގައެވެ. މިފަދަ އަޑުތައް ވަނީ ސޯޝަލް މީޑިއާގައި ވެސް ގަދަވެފައެވެ. ދުވަސް އަށް މައުލޫމާތު ދިން މީހަކު ބުނީ އޭނަގެ އާއިލާގެ ގިނަ ބަޔަކު ޕޮޒިޓިވްވެފަ ހުރި މީހަކާއި ދިމާވިކަން އެނގުމުން އެޗްޕީއޭއާއި އެ މައުލޫމާތު ހިއްސާކުރުމުން ގޭގައި ސާދަ ދުވަހު މަޑުކުރުމަށް އެންގި ކަމަށެވެ. އަދި ސާމްޕަލް ނަގާނީ އޭގެ ފަހުންކަމަށް ބުންޏެވެ. މި ގޮތަށް ކަންކުރުމުން ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަގުތީގޮތުން މަދުކުރެވިދާނެއެވެ. އެހެނަސް މިގޮތަށް ކަން ކުރުމަކީ ދެދުވަހުން އެއް ދުވަހު ކޭސްތައް އިތުރުވާންނީ ސަބަބެއް ނޫނެވެ.
ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ކޭސްތައް އިތުރުވާ ސަބަބަކަށް ކޮންމެ ދެ ދުވަހުން އެއް ދުވަހު ގިނަ ސާމްޕަލްތައް ޓެސްޓްކުރުން ވެދާނެއެވެ. އެހެނަސް އެއީ ޔަގީންކަމެއް ނޫނެވެ. ކޮވިޑް 19 ގައި ރާއްޖެ މިހާރު މިއޮތް ހާލަތުން އެންމެ މުހިއްމު އެއް ކަމަމީ ގިނަ ބަޔަކު ޓެސްޓް ކުރުމެވެ. ޑަބްލިއުއެޗްއޯގެ އިރުޝާދު ވަރަށް ސާފެވެ. އެއީ ޓެސްޓް ޓެސްޓް ޓެސްޓެވެ. އެހެނަސް އެޗްޕީއޭ އިން މި ބުނަނީ ސާދަ ދުވަސް ފަހުން އަންނާނެ ކަމަށެވެ. ޕްރައިމަރީ ކޮންޓެކްޓް ތެރޭގައި ހައި ރިސްކް މީހުން ހިމެނުނަސް ސާމްޕަލް ނެގުން ދަނީ އެތައް ދުވަހަކަށް ލަސްވަމުންނެވެ. ފަހަރެއްގައި ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދިދާނެތީ ޕޮޒިޓް ކޭސްތައް މަދުކުރުމަށް ގަސްތުގައި ޓެސްޓްކުރާ އަދަދު މަދުކުރަނީ ކަމަށް ވެދާނެއެވެ. ފަހަރެއްގައި ސިޔާސީ ފައިދާ ނެގުމުގެ ގޮތުން ޕޮޒިޓިވްވާ މީހުން މަދުކަމަށް ދައްކަން ސާމްޕަލް މަދުކުރަނީއެވެ. ސިއްހީ ނަޒަރަކުން އަދި ސްޓެޓިސްޓިކްސްގެ ނަޒަރަކުން ވިސްނާލާއިރު ގާތްގަނޑަކަށް ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ކޭސްތައް އިތުރުވާންވީ ސަބަބެއް ނެތެވެ. މިއީ އިއްތިފާގެކޭ ބުނެ ނިންމާލަންވުރެ އަޅުގަނޑަށް ފެންނަގޮތުގައި މިއީ ސީރިއަސްކޮށް ވިސްނަންޖެހޭ ކަމެކެވެ. އެއްގޮތަކީ މީހަކު ނުވަތަ ބަޔަކު ގަސްތުގައި މި މަންޒަރު ދައްކަން ބޭނުންވުމެވެ. އަނެއް ގޮތަކީ ކޮވިޑް ވައިރަސް ވަރަށް ބޮޑަށް މި ޓްރެންޑަށް ބަލައިގެން ފެތުރުމެވެ. ތިންވަނަ ގޮތެއް ތިބޭފުޅުންނަށް ދޫކޮށްލާނަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް