މިއަހަރުގެ 15 އޭޕްރީލް ވީ ބުދަ ދުވަހު މުޅި ރާއްޖެ ސިއްސުވާލީ ވަރަށް ބިރުވެރި އެހާމެ ނުރައްކާތެރި ޚަބަރަކާއި އެކުގައެވެ. މާލޭން ދިވެއްސަކު ފުރަތަމަ ފަހަރަށް ކޮވިޑް 19 އަށް ޕޮޒިޓިވްވި ޚަބަރާއި އެކުގައެވެ. ހަމަ އެ ދުވަހު ދިވެހި ސަރުކާރުން މާލެ ލޮކްޑައުން ނުވަތަ ފުރަބަންދު ކުރިއެވެ. މިއިން ދައްކުވައިދިނީ ދިވެހި ސަރުކާރު ކޮވިޑް 19 އާއި ދޭތެރޭ ސީރިއަސް މިންވަރެވެ. ދިވެއްސެއް ޕޮޒިޓިވް ވުމުގެ މާކުރިންވެސް ދިވެހި ސަރުކާރުން ގައުމީ ފެންވަރުގައި ވިލަރެސްކޮށް ކޮވިޑް19 އާއި ތައްޔާރުވުމަށް މަސައްކަތްތަކެއް ދިޔައީ ކުރަމުންނެވެ. ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ހަދާ ދަރުބާރުގޭގައި މިކަމާއި ގުޅޭ ހުރިހާ ވުޒާރަތަކާއި މުއްސަސާތަކާއި އޮފީސްތައް ގުޅިގެން މުޅި އޮޕަރޭޝަން ވިލަރެސްކުރުމުގެ މަސައްކަތް ފެށިއެވެ. އޭގެ ނަތީޖާވެސް ޖުމްލަ ގޮތެއްގައި ގޯހެކޭ ދެންނެވޭކަން ނެތެވެ.
އެހެނަސް މިއަދު ހާލަތު މުޅިން ތަފާތެވެ. ފާއިތުވި ތިން ދުވަހު އެކަނިވެސް 500 އާއި ގާތްކުރާ އަދަދަކަށް މީހުން މިވަނީ ޕޮޒިޓިވް ވެފައެވެ. ބޮޑުތަނުން ގިނައީ ދިވެހިންނެވެ. މިހާތަނަށް ރާއްޖޭން ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 4293 މީހުންނަށް ވުރެ ގިނައެވެ. 92 މީހަކަށް މިހާރުވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި ކޮވިޑް 19 ގެ ސަބަބުން މިހާތަނަށް 18 މީހަކު ވަނީ ނިޔާވެފައެވެ. އެހެނަސް ކަމާއި ގުޅޭ ފަރާތްތަކުން މިކަމާ ސީރިއަސް ވާތަނެއް ނުފެނެއެވެ. މާލޭން އެންމެ ޕޮޒިޓިވް ކޭސް އެއް ފެނުމުން ސަރުކާރުން ސީރިއަސްވީ މިންވަރަށް އެތައް ސަތޭކަ ކޭސް ފެނުމުން ވެސް ސީރިއަސް ކަމެއް ނެތެވެ. ކޮވިޑް 19 އިން ރައްކާތެރިވުމަށް ސަރުކާރުން އެއްވެސް ވަރަކަށް ފިޔަވަޅުތައް ނައަޅާ ވާހަކައެއް ނޫނެވެ. އެހެނަސް ފެންނަ މަންޒަރުތަކުން ސަރުކާރަށް މުހިއްމު ވަނީ ދިވެހި ރައްޔިތުންގެ ފުރާނަތޯ ނުވަތަ މަދު ވިޔަފާރިއެއް ރުއްސުންތޯ ސުވާލު އުފެދެއެވެ. މިވަގުތަކީ ބުދު ޖެހި ޑޮލަރަށް ވުރެ ނިކަމެތި ދިވެހި ރައްޔިތުންގެ ފުރާނަ އާއި ސިއްހަތަށް ވިސްނަންޖެހޭ ވަގުތެކެވެ. މި ގައުމުގެ ވަލިއްޔުލް އަމުރު އެންމެ އިސްކަމެއް ދޭންޖެހޭނީ ދިވެހި ރައްޔިތުންގެ ސިއްހީ ހާލަތަށެވެ. ދިރި ދުނިޔޭގަ ތިބިއްޔާ އިރާދަކުރެއްވިއްޔާ ފައިސާ ފޮއްޗެއް މާދަމާ ލިބިދާނެއެވެ. ދުޅަހެޔޮ ރައްޔިތުން ނެތް ތަނެއްގައި ކޮން ވިޔަފާރިއެއް ހެއްޔެވެ.
ކޮވިޑް 19 އިން ދުނިޔޭގެ ގައުމުތަކުން އަރައިގަތީ ކިހިނެއްކަން ވަރަށް ސާފެވެ. އެއީ ބަލި ފެތުރޭތަންތަން ލޮކްޑައުން ކޮށްގެންނެވެ. މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. މާލެ ފުރަބަންދުން ދޫކޮށްލުމަށް ފަހު ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ދެއްވި ޕްރެސްކޮންފަރެންސް ގައި ވިދާޅުވީ މާލެ ފުރަބަންދުން މި ދޫކޮށްލަނީ އަލުން ފުރަބަންދަން ދާންޖެހިދާނެ ކަމަށް ބަލައިގެން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ކޮވިޑް19 އާއި ގުޅޭ ކަންކަމުގައި އެންމެ އިސް ބަސްވެސް އަދި ފަހު ބަސް ބުނާނީ ސިއްޚީ މާހިރުންކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުން އެތައް އުންމީދުތަކާއި އެކު ގެނައި ސަރުކާރުން ޒިންމާ އަދާކުރަންޖެހޭ ވަގުތު ޖެހިއްޖެއެވެ. ސިޔާސީ ނުފޫޒު ގަދަ ލީޑަރުންގެ ކަސިޔާރު ނައްސި ވިސްނުމަށް ޖާގަ ދެވޭކަށް ނެތެވެ. މަދު ވިޔަފާރިވެރިންގެ ނުފޫޒަށް ދީލާލެވޭކަށް ނެތެވެ. އަވަސް ފިޔަވަޅުތަކެއް ވަގުތުން ވަގުތުން ނޭޅިއްޖެނަމަ މި ރާއްޖޭ ސަލާމަތެއް ނުވާނެއެވެ. އެހެންކަން ވެއްޖެނަމަ މި ޖީލުންނާއި މުސްތަގުބަލުގެ ޖީލުން އަޅުގަނޑުމެންނަކަށް މައާފެއް ނުކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް