އަދަބުތަކަށް ލުއި ދިނުމަށް ތާއީދެއް ނޫން: ޑރ. ނަޒްލާ

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވާ ފަރާތްތަކާއި ދެކޮޅަށް އަޅަން ކަނޑައަޅާފައިވާ އަދަބުތަކަށް ލުއި ދިނުމަށް އަމިއްލަ ހައިސިއްޔަތުން ތާއީދު ނުކުރައްވާ ކަމަށް ހެލްތް އެމަޖެންސީ އޮ...

04 Aug 2020 | 04:19

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވާ ފަރާތްތަކާއި ދެކޮޅަށް އަޅަން ކަނޑައަޅާފައިވާ އަދަބުތަކަށް ލުއި ދިނުމަށް އަމިއްލަ ހައިސިއްޔަތުން ތާއީދު ނުކުރައްވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުން ކުރި ފަހުން ފުރަތަމަ ފަހަރު ހުއްދަ ނެތި ބޭރުގައި އުޅޭނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ފަހު ދެވަނަ ފަހަރު ތަކުރާރު ކުރާނަމަ ހައްޔަރު ކުރުމަށް ފަހު އެމީހަކަށް ދައުވާ ކުރަން ނިންމާފައިވެ އެވެ. އަދި މިހާރު އާންމު ތަންތަނުގައި މާސްކު ނާޅާ ނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ.

ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ކޯވިޑާއި ގުޅިގެން ރައްކާތެރި ކަމަށް އެޅި ފިޔަވަޅުތަކަކީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް އެޅި ފިޔަވަޅުތަކެއް ކަމަށެވެ. އެ އުސޫލުތަކާއި ހިލާފުވުމުން ކަނޑައެޅިފައިވާ އަދަބު ލިބެންޖެހޭ ކަމަށް އަމިއްލަ ހައިސިއްޔަތުން ގަބޫލު ކުރައްވާކަމަށް ނުސީދާކޮށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ގަވައިދާ ހިލާފަށް އަމަލު ކުރި މީހުންގެ ކުށުގެ އަދަބު މައާފު ކުރެވޭއިރު އެމީހުންގެ ފަރާތުން އިތުރު ބަޔަކަށް ވައިރަސް ޖެހި، އެހެން ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅި ނިމިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ގަވައިދާ ހިލާފުވާ ފަރާތްތަކުން ބަލި ފެތުރޭގޮތަށް އަމަލު ކުރަނީ އަބަދު ކަނޑައެޅިފައިވާކަން އެނގިތިބެ ކަމަށް ވާއިރު އަމިއްލަ ފަރުދުން އެކަމާ ވިސްނާލަން ޖެހޭނެ ކަމަށެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވަނީ ކޯވިޑްގެ ގަވައިދާ ހިލާފުވެގެން ޖޫރިމަނާ ކުރާ ފަރާތްތަކުގެ ޖޫރިމަނާ މައާފުކޮށްދިނުމަކީ ފުލުހުން ތާއީދު ކުރާ ކަމެއް ނޫންކަމަށެވެ. އެއީ އެ ފަރާތްތައް ޖޫރިމަނާ ކޮށްފައިވަނީ އެތައް ފަހަރަކު ނަސޭހަތް ދިނުމުންވެސް މަގުމައްޗަށް ނުކުމެފައިވާތީ ކަމަށެވެ.

އެކަމަކު ތަކުރާރުކޮށް ގަވައިދާ ހިލާފުވެގެން ހައްޔަރު ކުރި 400 އަށްވުރެ ގިނަ މީހުންގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ އެމީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައި އެވެ. އަދި ދައުވާ ކުރުމަށް ކޯޓަށް ހުށަހެޅި މައްސަލަތައްވެސް އަނބުރާ ގެންގޮސްފައި އެވެ.

ޕީޖީގެ މި ނިންމުމާއި ގުޅިގެން މިހާރު ގިނަ ބަޔަކު ބުނަމުންދަނީ ގަވައިދާ ހިލާފު ވުމުން ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ފަހު ވަގުތު ލުއި ލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް