މާލޭގައި މާސްކު ނާޅާ އުޅުމުން ޖޫރިމަނާ ކުރި މީހުންގެ އަދަދު 73 އަށް އަރައިފި އެވެ.
ކޯވިޑް-19 ފެތުރުން އަނެއްކާވެސް އިތުރުވުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސިޓީގައި މާސްކު އެޅުން މަޖުބޫރު ކުރީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. މާސްކު އެޅުމުން އިސްތިސްނާވަނީ ދެ އަހަރު ނުފުރޭ ކުޑަކުދިންނާއި، އަމިއްލައަށް މާސްކު އަޅައި، ނުނެގޭ މީހުންގެ އިތުރުން ކަސްރަތު ކުރަން މަގުމަތީގައި އުޅޭއިރު އެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އިއްޔެ ނިޔަލަށް 73 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި 645 މީހަށް މާސްކު ނާޅައި ބޭރުގައި އުޅުމުން ނަސޭހަތް ދީފައިވާ ކަމަށެވެ.
މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އާންމުތަންތަނުގައި މާސްކު ނާޅާ ނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
އެޗްޕީއޭއިން ބުނީ އާންމު ތަންތަނުގައި މާސްކު އަޅާއިރު އަނގައާއި ނޭފަތް އަދި ދަތްދޮޅި ނިވާވާން ވާނެ ކަމަށެވެ.
މާލޭގައި ލޮކްޑައުނަށް ދިން ލުއިތަކާއި އެކު ކޯވިޑް-19 ފެތުރުން އިތުރުވެފައިވާއިރު ޕޮސިޓިވްވަނީ ގިނައިން ދިވެހިންނެވެ. އެންމެ ގިނަ ބަޔަކަށް ބަލި ޖެހެމުންދަނީ އޮފީސް މާހައުލުންނާއި އެކި މަސައްކަތްތަކަށް ތަންތަނަށް ދާ މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް