އައިޖީއެމްއެޗު އައިސީޔޫގަ ކޯވިޑް ފެތުރުމުން އިތުރު ބަލި މީހުން ވެއްދުން މަޑުޖައްސާލައިފި

އައިޖީއެމްއެޗު އައިސީޔޫގައި ކޯވިޑް-19 ފެތުރުމުން އެ ތަނަށް އިތުރު ޕޭޝެންޓުން ވެއްދުން މަޑުޖައްސާލައި އެހެން އިންތިޒާމެއް ހަމަޖައްސައިފި އެވެ. އައިސީޔޫގައި ކޯވިޑް-19 ފެތުރިފައިވާކަން އެނގިގެން ދިޔައީ މ...

04 Jul 2020 | 10:07

އައިޖީއެމްއެޗު އައިސީޔޫގައި ކޯވިޑް-19 ފެތުރުމުން އެ ތަނަށް އިތުރު ޕޭޝެންޓުން ވެއްދުން މަޑުޖައްސާލައި އެހެން އިންތިޒާމެއް ހަމަޖައްސައިފި އެވެ.

އައިސީޔޫގައި ކޯވިޑް-19 ފެތުރިފައިވާކަން އެނގިގެން ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު މަރުވި 39 އަހަރުގެ އިންޑޮނީޝިއާ މީހާ ކޯވިޑަށް ޕޮސިޓިވްކަން އެނގުނު ހިސާބުންނެވެ. އޭރު އެމީހާއަށް އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާ ދެމުން ދިޔައީ ކެންސަރު ބަލީގައި އެވެ. އޭނާ މަރުވީވެސް ކެންސަރު ބަލީގައި އެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހާ ޕޮސިޓިވްކަން އެނގުނު ހިސާބުން އައިސީޔޫގައި ތިބި ހުރިހާ ބަލި މީހުންނާއި، މުވައްޒަފުންނާއި ޑޮކްޓަރުންނާއި ނަރުހުން އަދި ޕޮސިޓިވް މީހާ އާއި ގުޅުން ހުރި އެންމެން ކޯވިޑަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ ބަލި މީހުންގެ ތެރެއިން ދެމީހަކާއި ހަތަރު މުވައްޒަފެކެވެ.

ޕޮސިޓިވްވި ހަ މީހުން ޑީއެޗް11 އަށް ބަދަލުކޮށްފައިވާ ކަމަށާއި އެ އެންމެންގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. އެ ހޮސްޕިޓަލުން ބުނީ މިވަގުތު އައިސީޔޫގައި ފަރުވާ ދެމުންދާ އެންމެންނަކީ ބައްޔަށް ނެގެޓިވްވެފައިވާ މީހުން ކަމަށާއި ކުރިން މަސައްކަތް ކުރި ނެގެޓިވް ހުރިހާ މުވައްޒަފުން އައިސޮލޭޓް ކުރުމަށް ފަރުވާދޭ ފަހު މުޅި ޓީމް ބަދަލު ކޮށްފައިވާ ކަމަށެވެ.

އިތުރު ބަލި މީހުން އައިސީޔޫއަށް ނުވައްދަން މިވަގުތު ނިންމާފައިވާ ކަމަށެވެ. އަދި އައިސީޔޫގައި ފަރުވާ ދޭން ޖެހޭ މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެހެން ތަނެއް ހަމަޖައްސާފައިވާ ކަމަށް ބުނެ އެވެ.

އައިޖީއެމްއެޗުން ބުނީ މި ހާދިސާ އާއި ގުޅިގެން އައިޖީއެމްއެޗުގައި ބަލި މީހުން ޓެސްޓު ކުރަމުން އައި އުސޫލަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދެން އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ހުރިހާ ބަލި މީހުން ކޯވިޑަށް ޓެސްޓު ކުރާނެ ކަމަށާއި އެކަމަކު ކުއްލި ހާލަތުގައި ފަރުވާ ދޭން ޖެހޭ މީހުންނަށް ފަރުވާ ދިނުން ޓެސްޓުގެ ނަތީޖާ ލިބެންދެން ފަސް ނުކުރާނެ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ ކޯވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ހޮސްޕިޓަލްގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ބަލައި ފިޔަވަޅުތަކަށް ބަދަލެއް ގެންނަން ޖެހޭނަމަ އެކަމެއް ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް