ކޯވިޑް-19 އާއި ގުޅިގެން ބޮޑެތި ގައުމުތަކުން ދަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރި މާހައުލުތައް ހިމެނޭ ގައުމުތަކުން އެ ގައުމުތަކަށް އެތެރެވާ މީހުންނާއި މެދު އަމަލު ކުރާ އުސޫލުތަކަށް ލުއި ދެމުންނެވެ.
ދާދިފަހުން ޖަރުމަނުވިލާތާއި ޗައިނާ ފަދަ ގައުމުތަކުން ރާއްޖެއަކީ ކޯވިޑް-19 ގައި ރައްކާތެރި ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. އެކަމަކު އެންމެ ފަހުން ރައްކާތެރި ގައުމުތަކުގެ ލިސްޓު އާންމު ކުރި އިނގިރޭސިވިލާތުގެ ލިސްޓުގައި ރާއްޖެ ނުހިމެނެ އެވެ.
އެ ގައުމުން ވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން އެ ގައުމަށް އެތެރެވުމުގައި ލުއިދޭން ނިންމައި 59 ގައުމު ހިމެނޭ ލިސްޓެއް އާންމުކޮށްފައި އެވެ. އެ ގައުމުތަކުން އިނގިރޭސިވިލާތަށް ދާ މީހުން 14 ދުވަހު ކަރަންޓީން ވާކަށް ނުޖެހެ އެވެ.
އެ ލިސްޓުގައި އެންމެ ބޮޑަށް ވައިރަސް ފެތުރުނު ޔޫރަޕްގެ ގައުމުތައްކަމަށްވާ ޖަރުމަނުވިލާތް އަދި އިޓަލީ ފަދަ ގައުމުތައް ރައްކާތެރި ގައުމުތައް ކަމަށް ބަލައި ލުއިދޭން ނިންމާފައިވެ އެވެ. އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ގައުމުތަކުގެ ތެރޭގައި މޮރިޝަސް، ސީޝެލްސް، ޖަޕާން އަދި ވިއެޓްނާމް ހިމެނެ އެވެ.
ރާއްޖެއަކީ އިނގިރޭސިވިލާތުން ކަނޑައެޅި ރައްކާތެރި ގައުމަށް ނުވިނަމަވެސް އެ ގައުމުގެ ރައްޔިތުންގެ މެދުގައި ކޯވިޑަށް ފަހު ޗުއްޓީ ހޭދަކުރަން ދާން ބޭނުންވާ ގައުމަކީ ރާއްޖެ އެވެ. އެގޮތުން ކުރިޔަށް އޮތް ތިން މަހު ގައުމުން ބޭރަށް ދާން ބުކިން ހެއްދި މީހުންގެ 50 ޕަސެންޓަށްވުރެ ގިނަ މީހުން ބުކިން ހައްދާފައިވަނީ ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް ދާން ކަމަށް މިދިޔަ މަހު އިނގިރޭސިވިލާތުގެ މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ.
ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކޮށް މިމަހުގެ 15 ވަނަ ދުވަހު ވައިގެ ބޯޑަރު ހުޅުވައި ޓޫރިޒަމް އިންޑަސްޓްރީ އަލުން ފެށުމަށް ވަނީ ނިންމާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް