ދިވެހިންގެ ގައުމުގައި ދިވެހިން ރަހީނު ކުރުމަކީ ގައުމަށް ގައްދާރުވުން: މާރިޔާ

ދިވެހިރާއްޖޭގައި ދިވެހިން ރަހީނު ކުރުމަކީ ގައުމަށް ގައްދާރުވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ބ. އަތޮޅުގައި ރިސޯޓު ހަދަމުންދާ ބޮޑުފިނޮޅު...

04 Jul 2020 | 06:50

ދިވެހިރާއްޖޭގައި ދިވެހިން ރަހީނު ކުރުމަކީ ގައުމަށް ގައްދާރުވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ބ. އަތޮޅުގައި ރިސޯޓު ހަދަމުންދާ ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް އެތަނުގައި މަސައްކަތް  ކުރާ 13 ދިވެއްސަކު ރަހީނުކޮށް ހިފެހެއްޓި މައްސަލައިގަ އެވެ. ފުލުހުން ވަނީ އިިއްޔެރޭ ފަތިހު އެރަށަށް އަރައި އެ ދިވެހިންތައް ސަލާމަތް ކޮށްފައި އެވެ.

މިކަމާއި ގުޅިގެން މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބިދޭސީންގެ ހައްގުތައް ހޯދައިދިނުމަށް ރާއްޖޭގައި އެތައް މުއައްސަސާއެއް އެބަހުރި ކަމަށެވެ. އެގޮތުން އެޗްއާރުސީއެމް، ކޯޓުތައް، ލޭބާ ރިލޭޝަން އޮތޯރިޓީ އަދި އެތައް ގާނޫނީ އިންތިޒާމްތަކެއް އެބަ ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މުސާރަ ނުލިބުމުން ދިވެހިންގެ ބިމުގައި ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދިނުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކުމަކީ ގައުމަށް ގައްދާރުވުން ކަމަށެވެ.

https://twitter.com/MariyaDidi/status/1278966002651262976

މުސާރަ ނުލިބިގެން ހަޅުތާޅު ކުރީ ބަންގްލްދޭޝް ބައެކެވެ. އެމީހުންގެ ތެރެއިން 19 މީހަކު ފުލުހުން އިއްޔެ ރޭ ފަތިހު އެރަށަށް އަރައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވެ އެވެ.

އެމީހުންނަކީ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ގެންގުޅޭ ބިދޭސީންތަކެކެވެ. އެމީހުންނަށް މުސާރަ ނުދޭތާ ހަތަރު މަސްވެފައިވާ ކަމަށްވެ އެވެ.

އެ ބިދޭސީންތައް ވަނީ 13 ދިވެހިން ރަހީނު ކުރުމުގެ އިތުރުން ބޮޑުފިނޮޅުގައި ހުރިހާ ހުރިހާ މުދަލަކަށްހެއް ގެއްލުންދީފައި އެވެ. އެގޮތުން ލިޔެކިޔުންތައް ހަލާކުކޮށް، ބަރުވެހިކަލްތަކާއި ލޯންޗުތައް ހަލާކުކޮށް ގެއްލުން ދީފައިވެ އެވެ. އަދި އިމާރާތްތަކަށްވެސް ގެއްލުންދީފައިވެ އެވެ.

އެ މައްސަލައިގަ ފުލުހުން ފުރަތަމަ އެރަށަށް އަރަން މަސައްކަތް ކުރުމަށް އޮއްގަލާއި ދަގަނޑުބުރިން ފުލުހުންނަށް ހަމާލާދިނުމުން ބައެއް ފުލުހުންނަށް އަނިޔާވެގެން ފަރުވާ ދީފައިވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް