ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ މީހުންގެ ތެރެއިން 300 އަށްވުރެ ގިނަ މީހުން މިއަދު ވައިގެ މަގުން ފުރައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ މިއަދު އެ ގައުމުގެ 342 މީހަކު އަނބުރާ ގައުމަށް ފޮނުވާފައިވާ ކަމަށެވެ. އެ އެންމެންނަކީވެސް ދިވެހި އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުން ކަމަށް ބުނެ އެވެ.
މި މީހުން ފުރާފައިވަނީ އިންޑިއާ ސަރުކާރުން ޗާޓާކޮށްފައިވާ އެ ގައުމުގެ އެއާލައިނެއް ކަމަށްވާ އިންޑިގޯގެ ފްލައިޓެއްގައި އެވެ. މިއީ މިގޮތަށް އިންޑިއާ މީހުން އަނބުރާ ގެންދިއުމަށް އެ ގައުމުން ރާއްޖެއަށް ބޭއްވި ހަތަރު ވަނަ ފްލައިޓެވެ.
މިއާއި އެކު އަންބުރާ ގައުމަށް ނުދެވި ތިބި އިންޑިއާ މީހުންގެ ތެރެއިން ޖުމްލަ 2،000 އަށްވުރެ ގިނަ މީހުން ގެންދެވުނީ ކަމަށް އެ ގައުމުގެ ހައި ކޮމިޝަނުން ބުނެ އެވެ. އޭގެ ތެރެއިން 1،400 އެއްހާ މީހުން ގެންގޮސްފައިވަނީ ކަނޑުމަގުންނެވެ.
ރާއްޖެއިން އެނބުރި ދިޔަ މީހުންގެ ތެރެއިން މިހާތަނަށް ވައިރަހަށް ޕޮސިޓިވްވެފައިވަނީ އިންޑިއާގެ ތިން މީހެކެވެ. އެ ތިން މީހުންނަކީ ރާއްޖޭގައި އެއް ކުންފުންޏެއްގައި މަސައްކަތް ކުރަމުންދިޔަ ބައެކެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ އަދިވެސް ގިނަ އަދަދެއްގެ ބަޔަކު އެނބުރި ގައުމަށް ދިއުމަށް ބޭނުންވެގެން އެދެމުންދާ ކަމަށެވެ. އެކަމަކު ހުރިހާ އެންމެންނަށް އެ ފުރުސަތު ފަހި ނުކޮށްދެވުނަސް ވީހާވެސް ގިނަ ބަޔަކަށް އަނބުރާ އިންޑިއާއަށް ދެވޭނެ މަގު ފަހިކޮށްދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖޭގައި އިންޑިއާގެ 30،000 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރާ ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް