މާލޭ ސިޓީގެ ލޮކްޑައުންގެ މުއްދަތުގައި ވިޔަފާރިތަކަށް ދޫކުރާ ހުއްދަ ފުލުހުން ދޭން ފެށިތާ 12 ގަޑިއިރު ތެރޭގައި 21 ހާހަށްވުރެ ގިނަ ހުއްދަ ދޫކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިޔަފާރިތަކަށް ދޫކުރާ ހުއްދަ ފުލުހުން ދޭން ފެށީ އިއްޔެ ހަވީރު ކަމަށެވެ. އަދި ހުއްދަ ދޭން ފެށިތާ 12 ގަޑިއިރު ތެރޭގައި ފުލުހުންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް، 1،927 ވިޔަފާރިއަކަށް 21,653 ހުއްދައެއް ދޫކޮށްފައިވާ ކަމަށެވެ.
ވިޔަފާރި އާއި ގުޅުން ހުރި ހުއްދައިގެ ގޮތުގައި 12 ގަޑިއިރު ތެރޭގައި 21 ހާހަށްވުރެ ގިނަ ހުއްދަ ދޫކޮށްފައިވާއިރު ގްރޭޓާ މާލެ ސަރަހައްދުގައި އިގްތިސޯދީ މަސައްކަތްތައް ކުރިއަށް ގެންދަން، އިތުރު 11،826 މީހަކަށް މަގުތަކަށް ނުކުތުމުގެ ހުއްދަ ދެވިފައިވާ ކަމަށްވެސް ސީޕީ ވިދާޅުވެފައިވެ އެވެ.
މާލޭ ސިޓީގެ ލޮކްޑައުނާއި އެކު މީގެ ކުރިން އެ ހުއްދަ ދޫކުރީ ފުލުހުންނެވެ. އެކަމަކު ލޮކްޑައުނަށް ލުއިދިން ދުވަހުން ފެށިގެން ހުއްދައަށް އެދުން ސިޓީ ކައުންސިލްގެ ޕޯޓަލްއަށް ބަދަލު ކުރި އެވެ. އެކަމަކު ފަހުންވެސް ވިޔަފާރީގެ ސައްހަކަށް ކަށަވަރު ކުރުމަށް ފަހު ހުއްދަ ދޭން ނިންމާފައިވަނީ ފުލުހުން މެދުވެރިކޮށެވެ.
ވިޔަފާރި ހުއްދައަށް އެދުމަށް ފުލުހުންނަށް ހުށަހަޅަން ޖެހޭ ގޮތަށް އިއްޔެ ކުއްލިއަކަށް ބަދަލު ކުރީ ކީއްވެ ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
އެކަމަކު ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ހުއްދަ އެދި ފޯމު ހު ހުށަހަޅާ ތަރުތީބު އޮޅުވާލައި ވަކި ވިޔަފާރިތަކަކަށް އިސްކަން ދެމުންދާ ކަމުގެ ތުހުމަތު އެ ކައުންސިލަށް ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް