ކޯވިޑް-19 އުފަންވި ޗައިނާގެ ވޫހާން ސިޓީގެ މުޅި އާބާދީ ވައިރަހަށް ޓެސްޓު ކުރި އިރު ޕޮސިޓިވްވެފައިވަނީ 300 އެއްހާ މީހުން ކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފި އެވެ.
ވޫހާންގެ އާބާދީއަކީ ގާތްގަނޑަކަށް 11 މިލިއަން އެވެ. އެގައުމުގެ މުޅި އާބާދީ ޓެސްޓު ކުރަން ނިންމީ ވައިރަސް ކޮންޓްރޯލްކޮށް ސިޓީ ހުޅުވާލިތާ މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް ކޭސްތަކެއް ފެންނަން ފެށުމުންނެވެ.
އެގޮތުން 10 މިލިއަނަށްވުރެ ގިނަ މީހުން އަލަށް ޓެސްޓު ކޮށްފައިވެ އެވެ.
ޗައިނާގެ ކަމާ ބެހޭ ފަރާތްތަކާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނީ 300 އެއްހާ މީހުންނަކީ ނިސްބަތުން ވަރަށް މަދު އަދަދެއް ކަމަށެވެ. އަދި ޕޮސިޓިވްވެފައިވާ އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށެވެ.
އެމީހުންނާއި ގުޅުންހުރި މީހުންގެ ގޮތުގައި ފާހަގަވެފައިވަނީ ގާތްގަނޑަކަށް ހާހެއްހާ މީހުންނެވެ. އެކަމަކު އޭގެން އެއްވެސް މީހަކު ބައްޔަށް ޕޮސިޓިވްވެފައި ނުވާއިރު ބަލީގެ އަލާމާތެއްވެސް ނުފެނެ އެވެ.
ވޫހާން ސިޓީން ބަލި ކޮންޓްރޯލްކޮށްފައިވަނީ ލޮކްޑައުން ކޮށް ދެ މަހެއްހާ ދުވަހު ބާއްވައިގެންނެވެ. އެ ސިޓީން ވައިރަސް ފެނިފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ ސިޓީ ބަންދު ކުރީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.
ޗައިނާގައި މިދިޔަ މާޗްމަހުގެ ތެރޭގައި ވަނީ ވައިރަސް ކޮންޓްރޯކޮށްފައި އެވެ.
ޗައިނާގައި މިހާތަނަށް ބަލި ޖެހިފައިވަނީ 84،160 މީހުންނަށެވެ. ބަލީގައި 4،638 މީހަކު މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް