ކޯވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ ރާއްޖޭގެ ވައިގެ ސަރަހައްދު ޓޫރިސްޓުންނަށް ހުޅުވާލަން ވާއިރަށް އަމިއްލަ ޖެޓުތައް ޖައްސަން އެއާޕޯޓުތައް ބަލަމުން އަންނަކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ އާއި ސަރުކާރުން ލަފާ ކުރާ ގޮތުގައި ރާއްޖެ ޓޫރިސްޓުންނަށް ހުޅުވާލިޔަސް ފުރަތަމަ ދުވަސްކޮޅުގައި މާގިނަ އެއާލައިންތަކުން ދަތުރު ކުރާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންވެ ލަފާ ކުރެވެނީ ޓޫރިސްޓުންގެ ގޮތުގައި ރާޢްޖެ އަންނާނީ އަމިއްލަ ޖެޓުތަކުގައި އަންނަ މީހުންކަމަށެވެ. އެހެންވެ އެމީހުން އަންނަ ޖެޓުތައް ޕާކު ކުރެވޭނެ އެއާޕޯޓުތަކެއް ބޭނުންވާނެ އެވެ.
ރޭ ރައްޔިތުންގެ މަޖިލީހުގެ ތަރިކަ އާއި ތަރައްގީގެ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްރީގެ ސްޓޭޓްް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ ވީއައިއޭގެ އިިތުރުން ޖެޓުތައް ޕާކު ކުރެވޭނެ އެއާޕޯޓުތަކަކީ ކޮބައިތޯ ބަލަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އަމިއްލަ ޖެޓް ޖައްސަން ހުއްދަ ދޭނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް ތައްޔާރުވާ ތަންތަނަށް ކަމަށެވެ.
އެ ގައިޑްލައިނަކީ އަޔާޓާ އާއި އައިކާއޯ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކަށް ބަލައިގެން އެ މިނިސްޓްރީން ތައްޔާރު ކުރާ ގައިޑްލައިނެކެވެ.
ރާޢްޖޭގައި އަމިއްލަ ޖެޓްތައް ޖެއްސޭ ފެންވަރުގެ އެއާޕޯޓުތައް އެބަ ހުއްޓެވެ. އަދި ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓުތައް ޕާކުކޮށް އެ ތަން ރުރުމުން އަމިއްލަ ޖެޓުތައް ޕާކުކޮށްފައިވާ އެއާޕޯޓުތައްވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ވިލާ އެއާގެ އދ. މާމިގިލީ އެއާޕޯޓު، ދ. ކުޑަހުވަދޫ އެއާޕޯޓު ހިމެނެ އެވެ.
މީގެ އިތުރުން ނ. މާފަރު އިންޓަނެޝަނަލް އެއާޕޯޓު ތަރައްގީކޮށްފައިވަނީ އަމިއްލަ ޖެޓުތައް ޕާކު ކުރެވޭ ގޮތަށެވެ. އަދި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަކީވެސް ޖެޓު ޕާކު ކުރެވޭނެ ޖާގަ އޮންނަ އެއާޕޯޓެކެވެ.
ސަރުކާރުން ލަފާ ކުރާ ގޮތުގައި އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ވައިގެ ބޯޑާރު ހުޅުވާލެވޭވަރު ވާނެ އެވެ.
އެ ދުވަހަކަށް ގިނަ އެއާލައިންތަކަކުން ދަނީ އިންތިޒާރުކުރަމުންނެވެ. އެގޮތުން މިހާރުވެސް ގަތަރް އެއާވޭސް އާއި ސްރީލަންކަން އެއާލައިނުން ވަނީ ދަތުރުތައް ފަށަން މަސައްކަތް ކުރާކޮށް ހާމަކޮށް، ދަތުރުތައް ފަށާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް