ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުންގައި އޮންނަތާ ދެ މަހާއި ގާތްވެފައިވާއިރު އެތައް ލައްކަ މީހުންނެއް އެގައުމުގައި ހާލުގައި ޖެހިފައިވާ ކަމުގެ ވާހަކަތަކަކީ ކޮންމެ ދުވަހަކު މީޑިއާގައި އާންމުވަމުންދާ ރިޕޯޓުތަކެވެ.
އާންމުކޮށް މީޑިއާގައި ހާމަކޮށްފައި ހުންނަނީ އަމިއްލަ އަވަށާއި ދުރުގައި މަސައްކަތް ކުރާ މީހުން ހާލުގައި ޖެހޭ ވާހަކަ އާއި ފަގީރު އަވަށްތަކުގެ މީހުން ކާބޯތަކެތި ނުލިބި މަރުވަމުންދާ ވާހަކަ އެވެ.
މިވެސް މިހާރު ރިޕޯޓުތަކުގައި އިތުރުވަމުންދާ ވާހަކަތަކެކެވެ. އިންޑިއާގެ ޓީވީ ތަރިންވެސް ކޯވިޑާއި ގުޅިގެން ހާލުގައި ޖެހެމުންދާ ވާހަކަ އެވެ. އޭގެ ތެރެއިން އެކަކީ ޒީ ޓީޥީން ދެއްކި ކަމިޔާބު ޓީވީ ޝޯ، "ބެގުސަރާއީ" ގައި ބައްޕައެއްގެ ރޯލުން ފެނިގެންދިޔަ ރާޖޭޝް ކަރީރެވެ.
ރާޖޭޝް ބުނީ ލޮކްޑައުނާއި ގުޅިގެން ހާލުގައި ޖެހި އަތުގައި އެންމެ ފައިސާ ފޮއްޗެއްވެސް ނެތް ކަމަށެވެ. މުމްބާއީގައި ދިރިއުޅެމުން އަންނަ އޭނާ އާއި އާއިލާއަށް އުފަން އަވަށަށް ދާން ޖެހިފައިވާ ކަމަށާއި އެކަމަކު އެ ހިސާބަށް ދެވޭނެ ވަރަށްވެސް އަތުގައި ފައިސާ ނެތް ކަމަށެވެ.
އެހެންވެ ރާޖޭޝް ފޭސްބުކްގައި ބުނެފައިވަނީ އާއިލާއަށް އެނބުރި އުފަން އަވަށަށް ދެވޭވަރަށް ބޭނުންވާ ފައިސާ ބޭނުންވާ ކަމަށެވެ. އޭނާގެ ވާހަކަތަކާއި ގުޅިގެން "ބެގުސަރާއީ" ގައި އޭނާގެ ދަރިއެއްގެ ރޯލުން ފެނިގެން ދިޔަ މަޝްހޫރު ޓީވީ ޝޯ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ގެ ބަތަލާ ޝިވާންގީ ޖޯޝީ ވަނީ ވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައި އެވެ.
އިއްޔެ މީޑިއާގައި ރާޖޭޝް ބުނެފައިވަނީ ޝިވާންގީ އޭނާއަށް 10،000 ރުޕީސް ޓްރާންސްފާ ކޮށްދީފައިވާ ކަމަށެވެ. އަދި އާންމުންގެ އެހީތެރިކަމަށް އެދުމުން ދާއިރާގެ ގިނަ ބަޔަކުވެސް އޭނާ ގުޅައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ލޮކްޑައުންއާއި ގުޅިގެން ހާލުގައި ޖެހިގެން އުޅެނީ ރާޖޭޝް އެކަންޏެއް ނޫންނެވެ. ބައެއް ބޮލީވުޑްތަރިންވެސް އަތްމަތި ދަތިވަމުންދާކަން ދަނީ ހާމަކުރަމުންނެވެ. ހާއްސަކޮށް ޓީވީތަރިން ދަނީ ހާލުގައި ޖެހެމުންނެވެ.
ލޮކްޑައުންގައި ހަދާނެ ގޮތް ހުސްވެ އަތްމަތި ދަތިވެގެން "ސަސުރާލް ސިމަރް ކާ" ފަދަ ޝޯތަކުން ފެނިގެންދިޔަ އަޝިއޭޝް ރޯއީ ވަނީ ހޮސްޕިޓަލްގައި ޑަޔަލަސިސް ހެދުމަށް ފަހު ބިލް ދައްކާނެ ފައިސާ ނެތިގެން ދާއިރާގެ އެހެން މީހުންގެ އެހީތެރިކަމަށްް އެދިފައި އެވެ. "އާދަތް ސޭ މަޖްބޫރު" ގެ ތަރި މަންމީތް ގްރެވާލް އަދި "ކްރައިމް ޕެޓްރޯލް" ގެ ތަރި ޕްރެކްޝާ މެހެތާ ވަނީ ލޮކްޑައުނާއި ގުޅިގެން ހާލުގައި ޖެހި ދިރިއުޅެވޭނެ ގޮޮތް ހުއްވެ ޑިޕްރެޝަނަށް ގޮސްގެން އަމިއްލައަށް މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް