އައްޑޫ ސިޓީ ހިތަދޫ ޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަަޒީފާއިން ވަކި ކުރި މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވަން ފައްޓަވައިފި އެވެ.
އެ ތަނުގެ އެސިސްޓެން އޮޕަރޭޝަން އޮފިސަރު ވަޒީފާއިން ވަކި ކުރީ ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތަކުރާރުކޮށް ސޯޝަލް މީޑިއާގައި ފާޑުކިޔާ ކަމަށް ބުނެ އެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެއް ދުވަހު ތަފާތު ދެ ސިޓީއެއް ދިނުމަށް ފަހު އެވެ.
މި މައްސަލަ ރައީސް ބައްލަވާކަން ހާމަކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ އައްޑޫ ސިޓީ މޭޔަރުގެ ޓިކެޓު ކަށަވަރުކުރައްވާފައިވާ އަލީ ނިޒާރެވެ. ނިޒާރު އޭނާގެ ފޭސްބުކްގައި ވިދާޅުވެފައިވަނީ ހިޔާލު ފާޅުކުރުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ.
ހިޔާލު ފާޅުކޮށްގެން މީހެއްގެ ވަޒީފާއިން ވަކި ކުރެވިގެންވާނެ ކަމަށް އޭނާ ގަބޫލް ނުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވީ އެމްޕީއެލްއިން ވަކި ކުރި މުވައްޒަފުގެ މައްސަލައިގަ އޭނާ ރައީސް ސޯލިހާއި މަޝްވަރާ ކޮށްފައިވާ ކަމަށާއި އެ މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށެވެ.
އެ މައްސަލަ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ އެކަން ހިނގަމުންދާ ގޮތް ބައްލަވާނެ ކަމަށް ވިދާޅުވެފައި އެވެ. އެގޮތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން އަމަލުކުރާ ގޮތާ މެދު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާރަވެރިވެ ބަލާނެ ކަމަށް އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެސް މިހާރުގެ ސަރުކާރާ ދެކޮޅަށް އުޅުނު މީހުންނަށް ވަޒީފާ ދީފައިވާ ކަމަށެވެ.
ވަޒީފާ އިން ވަކިކުރި މައްސަލާގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ސޮއި ކުރައްވައި އިއްޔެ ފޮނުވި ފުރަތަމަ ސިޓީގައި ބުނެފައިވަނީ ވަޒީފާއިން ވަކި ކުރީ ރައީސާއި މަޖިލީހުގެ ރައީސްގެ އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ތަކުރާރުކޮށް ވާހަކަ ދައްކާތީ ކަމަށެވެ. ދެވަނައަށް ފޮނުވި ސިޓީގައި ބުނެފައިވާގޮތުގައި އޭނާ ވަޒީފަ އިން ވަކި ކުރީ "ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީ"އާ ތަކުރާރުކޮށް ހިލާފުވެފައި ވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް