ކޯވިޑާއި އެކު ނަހުލާ ގެއްލިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ކޮމިޓީގައި ދެއްވީ ތަފާތު ޖަވާބެއް!

ކޯވިޑް-19 އައި ފަހުން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ގެއްލި ކުރާ މަސައްކަތްތައް ނުފެންނަ ކަމަށް ބުނެ ދައްކަމުން ދާ ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގ...

03 Jun 2020 | 20:33

ކޯވިޑް-19 އައި ފަހުން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ގެއްލި ކުރާ މަސައްކަތްތައް ނުފެންނަ ކަމަށް ބުނެ ދައްކަމުން ދާ ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މިރޭ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރު ތަފާތު ޖަވާބުތަކެއް ދެއްވައިފި އެވެ.

އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނަހުލާ ބައިވެރިވެޑައިގެން ކުރިޔަށް ގެންދިޔަ މި ބައްދަލުވުން ބޭއްވިފައި މިވަނީ އެތައް ފަހަރަކު ކޮމިޓީއަށް ވަޑައިގެންނެވުމަށް ސިޓީ ފޮވުމުން ނަހުލާ އެކި ސަބަބުތަކާއި ހެދި ބައިވެރި ނުވެވޭނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

މިރޭގެ ބައްދަލުވުމުގައި ނަހުލާ މި ދުވަސްވަރު ހަރަކާތްތެރިވެވަޑައި ނުގަންނަވަނީތޯ މެންބަރަކު ސުވާލު ކުރުމަށް ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީގެ އާއްމު މަސައްކަތްތައް ކުރައްވަނީ ދުވާލު ވަގުތުތަކުގައި ކަމަށެވެ. އަދި ރޭގަނޑު ސިވިލް އޭވިއޭޝަނާ ބެހޭ މަސައްކަތްތައް ވަރަށް ދަންވަންދެން ކުރައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބައެއް ރޭރޭ ފަތިހު ފަހެއް ޖަހަންދެންވެސް މަސައްކަތް ކުރައްވާފައި ހުންނަވާނެ ކަމަށެވެ. އޭނާ އާއިއެކު މިނިސްޓްރީގެ އެތައް މުވައްޒަފުންނެއް މަސައްކަތުގައި ގިނަ ވަގުތުތަކެއް ހޭދަ ކުރައްވާފައިވާ ކަމަށެވެ.

މިހާލަތުގައި ރާއްޖެ އަށް ފްލައިޓްތައް ޖެއްސުމާއި މުދާ އުފުލުމާއި ހުރިހާ ކަމެއް ކުރަމުންދަނީ އެކަމަނާގެ ބެއްލެވުމުގެ ދަށުން ކަމަށް ވިދާޅުވި އެވެ. އެ ހުރިހާ މަސައްކަތެއް ކުރައްވަނީ ގޭގައި ހުންނަވައިގެން ކަމަށްވެސް މިރޭގެ ކޮމިޓީގައި މިނިސްޓަރު ވިދާޅުވި އެވެ.

އަތޮޅުތަކުގެ ކައުންސިލް މެންބަރުންނާއި ބައްދަލު ކުރެއްވުމާއި ގުޅޭގޮތުން މެންބަރަކު ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ ވަގުތުވީ ވަރަކުން ކައުންސިލަރުންނާއި ބައްދަލު ކުރައްވާފައިވާނެ ކަމަށެވެ. އަދި އެދޭ ދުވަހަށް ބައްދަލު ނުކުރެވުނަސް ފަހުގެ ތާރީހުތަކުގައިވެސް ބައްދަލު ކުރަން އެދޭ ކައުންސިލްތަކާއި ބައްދަލު ކުރައްވާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެކަން މެންބަރުންނަށް ނޭގި އޮންނަނީ ކުރާ ކޮންމެ މަސައްކަތެއް ފޮޓޯ ނަގައި އާންމު ކުރަމުން ނުދެވޭތީ ކަމަށް ވެދާނެ ކަމަށް މިނިސްޓަރު އައިޝާ ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ ކުރިޔަށް އޮތްތާ ކައުންސިލަރުންނާއި ބައްދަލު ކުރުމަށް ފަހު ފޮޓޯ އާންމު ކުރައްވާނެ ކަމަށެވެ.

ނަހުލާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކުގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ވައުދުތައް ވަނީ ފުއްދިފައި ކަމަށެވެ. އޭގެ ފަހުންވެސް އެ މިނިސްޓްރީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިޔަށް ގޮސް މިހާރު މަޑުޖެހިފައި އޮތީ ކޯވިޑް-19 ގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ އަކީ މަޖިލީހުގެ މެންބަރުން ކުރައްވާ ސުވާލުތަކަށް ތަފާތު ޖަވާބު ދެއްވާ މިނިސްޓަރެއް ކަން ވަނީ ފާހަގަވެފައި އެވެ. މީގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި މިނިސްޓަރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ކުރެއްވި ސުވާލަކަށްވެސް ނަހުލާ ވަނީ ތަފާތު ޖަވާބެއް ދެއްވާފައި އެވެ.

ޝިޔާމު ސުވާލު ކުރެއްވީ ބްރިޖުމަތީގައި ހެލްމެޓު އެޅުން ފިޔަވާ މިސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓްރީއަށް އަލަށް ކުރެވުނު ކަމެއް ވިދާޅުވެ ދެއްވުމަށެވެ. ސުވާލުގެ ޖަވާބުގައި ނަހުލާ ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުކޮށްފައިވާ ހަޑި ސާފު ކުރަންޖެހިގެން ފުރަތަމަ ކުރަމުންދަނީ އެ މަސައްކަތްތައް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް