ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މަނާކޮށްފައި ވީނަމަވެސް ރަށްރަށުގައި ތިބި ރިސޯޓުތަކުގެ މުވައްޒަފުންނަށް ވަޒީފާއަށް ދިއުމުގެ ހުއްދަ ދީފި އެވެ.
ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރު ކުރުން މަނާކުރީ ކޯވިޑާއި ގުޅިގެން ރިސޯޓުތަކުގައި ތާށިވެފައި ތިބި މުވައްޒަފުން ކަރަންޓީން ނިންމައި ރަށަށް ދާންފެށިފަހުންނެވެ. އޭގެ ތެރޭގައި ޗުއްޓީ ނިންމުމަށް ފަހު އެނބުރި ރިސޯޓަށް ދާންޖެހޭ މުވައްޒަފުން ތިބި އިރު އެ މީހުންނަށް ރިސޯޓަށް ނުދެވި ރަށުގައި ތާށިވެފައިތިބީ ދަތުރު ކުރުން މަނާކޮށްފައި އޮތުމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން މިރޭ ބުނީ އާންމު ހާލަތުގައި ހުރި ރަށްރަށުގައި ތިބި މުވައްޒަފުންނަށް މާލެ ނައިސް ސީދާ ރިސޯޓަށް ދިއުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވާ ކަމަށެވެ. އަދި މޮނިޓަރިން އިން ނެގިފަހުން 14 ދުވަސް ނުވާ ރަށްތަކުގައި ތިބި މުވައްޒަފުން ބޭނުންނަމަ ރިސޯޓަށް ގޮސް 14 ދުވަހު ކަރަންޓީން ވުމަށް ފަހު ވަޒީފާއަށް ނުކުމެވިދާނެ ކަމަށެވެ.
އެކަމަކު މިގޮތަށް ދާން މުވައްޒަފުންނަށް ރިސޯޓުތަކަށް ދެވޭނީ އެޗްޕީއޭއަށް އެމީހެއްގެ ނަން ފޮނުވައިގެން އެ އެޖެންސީގެ ހުއްދަ އާއި އެކު އެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ އެ މައުލޫމާތުތައް ފުރިހަމަ ކުރަން ފުރަން ޖެހޭ ފޯމެއް އާންމުކޮށްފައި އެވެ. އެ ފޯމު ރިސޯޓުތަކުގެ މެޖޭންމެންޓުންވެސް ފުރިހަމަ ކުރަންޖެހެ އެވެ.
އެ ފޯމު ފުރުމަށް ފަހު ފޮނުވަން ޖެހެނީ [email protected] އަށެވެ. ނުވަތަ ވަޒީފާއަށް ދޭން ބޭނުންވާ މީހުންގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީގެ ހޮޓްލައިން، 7223131 މެދުވެރިކޮށް ފޯރުކޮށްދެވޭނެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އެއްކޮންހެން ހުއްޓިފައިވާއިރު އެއްވެސް ޓޫރިސްޓަކު ނެތް ރިސޯޓުތަކުގައި މުވައްޒަފުން ގެންގުޅެނީ ވަރަށް މަދުން ނެވެ. ދެން ތިބި ގިނަ މުވައްޒަފުން ނޯޕޭ އަށް، ސަސްޕެންޑުކޮށް، މުސާރައިން ބައެއް އުނިކޮށް ނުވަތަ ވަޒީފާއިން ވަކިކޮށް ވަނީ ފޮނުވާލާފައި އެވެ.
ސަރުކާރުން ލަފާ ކުރާގޮތުގައި އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވާލާ ޓޫރިސްޓުންނަށް މަރުހަބާ ކިޔަަން ފަށާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް