ރާއްޖޭގައި މަސައްކަތް ކުރާ ބަންގަލަދޭޝްގެ އިތުރު1،500 މީހުން ފޮނުވާލަން ނިންމާފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ހަފްތާގައި އެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އެ ބިދޭސީން ފޮނުވާލަނީ ބަންގްލަދޭޝް ސަރުކާރާއި ގުޅިގެން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ފޮނުވާލަން ނިންމާފައިވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުން ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ގިނަ އަދަދެއްގެ ބިދޭސީންތަކެއް، ވަންނާނެ ގެދޮރެއް، އާމްދަނީ ހޯދާނެ ވަޒީފާއެއް އަދި ރަސްމީ ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅެމުންދާއިރު، އެ މީހުން ރާއްޖެ އަށް ގެނައި ބަޔަކު ތިބޭނެ ކަމަށެވެ.
އަދި މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ކުރިމަތިވި ކަމެއް ނޫންކަމަށް ވިދާޅުވި އެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަން ފެށުނު ފަހުން މިދިޔަ މަސް ތެރޭގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ68 ބަންގްލަދޭޝް މީހަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. އެމީހުން ގެންދިޔައީ އެ ގައުމާއި ނޭޕާލުގައި ތިބި ދިވެހި ކިޔަވާ ކުދިން ގޮވައިގެން އައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓުގައި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރެއިން50 ޕަސެންޓު މީހުންނަކީ ބަންގްލަދޭޝް ރައްޔިތުންނެވެ. އެޗްޕީއޭއިން ބުނީ އެމީހުން އެހާގިނައިން ޕޮސިޓިވްވަނީ ތޮއްޖެހިގެން ދިރިއުޅެމުންދާތީ ކަމަށެވެ.
އެހެންވެ އެމީހުން އަނބުރާ ފޮނުވާލެވެންދެން ސަރުކާރުން ގެންދަނީ މާލޭގެއެކި ސަރަހައްދުތަކުގައި ތޮއްޖެހިގެން ކުދި ކުދި ތަންކޮޅުތަކުގައި އުޅޭ ބިދޭސީންނަށް ހާއްސަކޮށްގެން ކަރަންޓީން ފެސިލިޓީތަކެއް އަޅައި އެތަންތަނަށް އެމީހުން ބަދަލު ކުރަމުންނެވެ. އެ ފެސިލިޓީތަށް ހަދަނީ ގުޅީފަޅު އަދި ހުޅުމާލޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް