ރާއްޖޭގައި "ކޯވިޑް-19"ގެ ޙާލަތު ވަޒަންކުރައްވާ ޞިއްޙީ ތަޖުރިބާކާރުން އަންދާޒާ ކުރައްވާގޮތުގައި ކުރިއަށް މިއޮތް ދެ ހަފުތާގެ ތެރޭގައި، މާލޭގައި މި ބަލީގެ ޙާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް މިއޮތް ދެ ހަފުތާއަކީ، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާ ކަމަށާއި އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
"މި ބައްޔަށް އިތުރު މީހުން މިވަގުތު ޕޮޒިޓިވް ވިޔަސް، މި ބަލި ފެތުރުން ހުއްޓުވުމަށް މި ކުރާ މަސައްކަތް، އިރާދަ ކުރެއްވީތީ ކޮންޓްރޯލުން ނެއްޓިގެނެއް ނުދޭ. އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިންގެ އުންމީދެއްވެސް ނުގެއްލޭ." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ "ކޯވިޑް-19" އާ ދެކޮޅަށް، ޤައުމުތަކުން މިހާތަނަށް ކޮށްފައިވާ ތަޖުރިބާތަކަށް ބަލާއިރު، މި ބަލިން އަރައިގަތުމަށް، ދެ މަހަށް ވުރެ ގިނަ ދުވަސް ނަގާ ކަމަށާއި މި އުނދަގޫ ޙާލަތުން މިންޖުވުމަށްޓަކައި، ވީއެންމެ އަވަހަކަށް މިބަލި ކޮންޓްރޯލްކުރެވޭތޯ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި މިކަމުގައި ކުރިމަތިވާ ދަތިތައް، ކެތްތެރިކަމާ އެކު ތަޙައްމަލްކުރި ޤައުމުތަކުގެ ރައްޔިތުން މިހާރު އެތައްޔާރުވަނީ، ޢާންމު ދިރިއުޅުމަށް އެނބުރި ދިޔުމަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް