ކޯވިޑްއަށް ޓެސްޓު ކުރަން ސާމްޕަލް ނަގާ ބޫތުތަކެއް ދިރާގުން ހަދިޔާ ކޮށްފި

ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް މީހުންގެ ސާމްޕަލް ނަގަން ބޭނުން ކުރާނެ ކިއޯސްކްތަކެއް ނުވަތަ ބޫތުތަކެއް ދިރާގުން ހެލްތް މިނިސްޓްރީއަށް ހަދިޔާ ކޮށްފި އެވެ. މީގެ ތެރެއިން އެއް ބޫތު ވަނީ ރަސްމީކޮށް ރޭ ހަވ...

04 May 2020 | 07:48

ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް މީހުންގެ ސާމްޕަލް ނަގަން ބޭނުން ކުރާނެ ކިއޯސްކްތަކެއް ނުވަތަ ބޫތުތަކެއް ދިރާގުން ހެލްތް މިނިސްޓްރީއަށް ހަދިޔާ ކޮށްފި އެވެ.

މީގެ ތެރެއިން އެއް ބޫތު ވަނީ ރަސްމީކޮށް ރޭ ހަވާލުކޮށްފައި އެވެ. އިތުރު14 ބޫތު ދިރާގުން ހަދިޔާ ކުރުމަށް ނިންމާފައިވެ އެވެ. މިފަދަ ބޫތަކީ ސާމްޕަލް ނަގާއިރު ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ކިޓުތަކުގެ ބަދަލުގައި، ސިއްހީ ހިދުމަތްތެރިން ބޭނުން ކުރާ ބޫތެކެވެ.

ދިރާގުން ބުނީ މި ބޫތުތައް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް އާއި ގުޅިގެން ޕްރިންޓް ލެބް ކްރިއޭޓިވްސްއިންނެވެ.  އަދި ތައްޔާރުކޮށްފައިވަނީ މިނިސްޓްރީ އެފް ހެލްތް އަދި ނެޝެނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ލަފަޔާ އިރުޝާދާ އެއްގޮތަށް ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން އުންމީދު ކުރަނީ މި ބޫތު ތަކުގެ ސަބަބުން ކޯވިޑް-19 އަށް ރައްކާތެރިކަމާއެކު ޓެސްޓް ކުރުން އިތުރު ވެގެންދާނެކަމަށެވެ. އަދި މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް، އަމިއްލަ ފުރާނަ އަތް މައްޗަށްލައިގެން ކުރީސަފުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅަކަށް ވެގެންދާނެކަމަށެވެ.

މި ބޫތުތައް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބޭނުން ކުރާނެ އެވެ. ހެލްތް މިނިސްޓްރީން ބުނީ މި ބޫތުތައް ހަދާފައި ވަނީ ސާމްޕަލް ނަގާ ހެލްތު އޮފިޝަލާއި ބަލިމީހާއާ ދެމެެދު ސޯޝަލް ޑިސްޓެންސިން ބެހެއްޓޭ ގޮތަށެވެ. އެހެންކަމުން، ސާމްޕަލް ނަގާ މީހާއަށް މީގެ ސަބަބުން ރައްކާތެރިކަން އިތުރަށް ޔަގީން ވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިހާތަނަށް ރާއްޖެއިން527 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު އެކަކު ވަނީ ބަލި ޖެހިގެން މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް