ކޯވިޑަށް ފަރުވާ ދިނުމަށް މެލޭރިއާ ބޭސް ރަނގަޅު ކަމަށް ނުދައްކާ: ޑރ. މުހައްމަދު

ފަރުވާއެއް ހޯދިފައި ނުވާ ކޯވިޑް-19 އަށް ފަރުވާ ދިނުމަށް މެލޭރިއާ ބޭހަކީ ރަނގަޅު ބޭހެއް ކަމަށް ނުދައްކާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުނ...

03 May 2020 | 19:49

ފަރުވާއެއް ހޯދިފައި ނުވާ ކޯވިޑް-19 އަށް ފަރުވާ ދިނުމަށް މެލޭރިއާ ބޭހަކީ ރަނގަޅު ބޭހެއް ކަމަށް ނުދައްކާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ އައިޖީއެމްއެޗުގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ ރާއްޖޭގައި މި ބަލި ޖެހިގެން ހާލު ސީރިއަސް ވެފައިވާ މީހުންނަށް ފަރުވާ ދޭން މެލޭރިއާ ބޭސް ބޭނުން ކުރަމުންދާ ކަމަށެވެ. އެކަމަކު އެއީ ވަކި ހާލަތްތަކެއްގައިކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ފަރުވާގެ ގޮތުގައި އެ ބޭސް ދެވުނު ފަރާތްތަކުގެ ބައްޔަށް ފަރުވާއެއް ލިބިފައިވާ ކަމަށް ބުނުން އަދި މާ އަވަސް ކަމަށެވެ.

އޭނާ ވިދާޅުވީ އަދި އެ ބޭސް ކޯވިޑަށް ފަރުވާ ދޭ މީހުންނަށް ދޭންފެށިފަހުން މާގިނަ ދުވަސް ނުވާކަމަށެވެ. އެހެން ކަމުން އަދި ނަތީޖާއެއް ފެންނަން ދުވަސްކޮޅެއް ނަގާނެ ކަމަށާއި، މި ބޭސް ދިނުމުގައި ވިސްނަން ޖެހޭ ކަންކަންވެސް ހުންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މި ބޭހަކީ ނޭދެވޭ ބައެއް އަސަރުތައް ފެންނަ ބޭހަކަށް ވާތީ ބޭސް ދޭ ފަރާތްތަކުގެ އިތުރު ޓެސްޓުތަކެއް ހަދައި ވަކިން މޮނިޓާ ކުރެވެމުންދާ ކަމަށެވެ. އަދި ބޭސް ކުރިޔަށް ގެންދަނީ ހާލަތު ގޯސްވޭތޯ ބަލަމުން ކަމަށް ޑރ. މުހައްމަދު ވިދާޅުވި އެވެ.

ކޯވިޑް-19 ރާއްޖެއިން ފެނުނު ފަހުން މިހާތަނަށް ހާލު ސީރިއަސްވެގެން ޑިއެޗް11 ގައި ހަތް މީހުންނަށް ފަރުވާ ދީފައިވެ އެވެ. އޭގެ ތެރެއިން އެކަކު ވަނީ އެއްކޮށް ބަލި ރަނގަޅުވެގެން ދޫކޮށްލުމުން އެނބުރި އެމީހާގެ ގައުމަށް ގޮސްފައި އެވެ. މިހާރުވެސް އެތަނުގައި ފަސް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އެކަކު އޮތީ ވޯޑަށް ބަދަލު ކޮށްފައި އެވެ.

ޑރ. މުހައްމަދު ވިދާޅުވީ ކޯވިޑަށް ފަރުވާ ކުރުމަށް ބޭހެއް ބޭނުން ކުރަން ފަށާއިރު ބޭރު ގައުމުތަކުގައި މި ބައްޔަށް ފަރުވާ ދެމުންދާ ގޮތާއި ސިއްހީ މާހިރުން ވަކި ބޭހެއް ބޭނުން ކުރުމުގައި ދެކޭ ގޮތް ބަލަމުންދާ ކަމަށެވެ. އެގޮތުން މެލޭރިއާ ބޭހަކީ މި ބައްޔަށް ދެވޭ ފަރުވާއެއްގެ ގޮތުގައި އެއްވެސް ފަރާތަކުން ފާހަގަކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ވަކި ބޭހަކުން މި ބައްޔަށް ލުއި ލިބޭ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އެހެންވެ ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ބޭނުން ކުރަނީ އެހެން ގައުމުތަކުގައި ދެމުންދާ ފަރުވާތައް ކަމަށް ވިދާޅުވި އެވެ.

މެލޭރިއާ ބޭހަކީ ކޯވިޑަށް ފަރުވާ ދެވިދާނެ ބޭހެއް ކަމަށް ބުނެ އެކަން ޕްރޮމޯޓު ކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ޓްރަމްޕް ވަނީ އިންޑިއާއިން މެލޭރިއާ ބޭސް އެކްސްޕޯޓު ކުރުން ހުއްޓާލުމުން އެކަމާ ހިތްހަމަ ނުޖެހި ދެގައުމުގެ ގުޅުން ހީނަރުވާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އެކަމާ ގުޅިގެން ކޯވިޑަށް ފަރުވާ ދިނުމަށް ކަމަށް ބުނެ އިންޑިއާއިން 13 ގައުމަކަށް މެލޭރިއާ ބޭސް އެކްސްޕޯޓު ކުރުމުގެ ހުއްދަ ދިން އިރު އެ ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ރާއްޖެ ހިމެނުނެވެ. ދިވެހި ސަރުކާރުން ވަނީ ސިއްހީ ގޮތުން ބޭނުންވާ މިފަދަ ކޮންމެ އެއްޗެއް ފޯރުކޮށްދިނުމުގައި އިންޑިއާއިން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާ ކޮށްފައި އެވެ.

މެލޭރިއާއަށް ފަރުވާ ދިނުމަށް ބޭނުން ކުރާ ބޭހަށް ކިޔަނީ ހައިޑްރޮކްސީކްލޮރޯކްއީން އެވެ. ދުނިޔޭގައި އުފައްދާ ހައިޑްރޮކްސީކްލޮރޯއީންގެ 70 ޕަސެންޓު އުފައްދަނީ އިންޑިއާގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް