ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހުން ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލާއިިރު މީހެއްގެ އެހީތެރިކަން ހޯދޭގޮތަށް އޮތް އުސޫލު ބަދަލު ކޮށްފި އެވެ.
ވޯޓުލުމުގައި އެހީތެރިކަން ހޯދޭނެ މީހުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ހަތަރު ބައެއް ކަނޑައަޅާފައިވެ އެވެ. އޭގެތެރޭގައި ކޯވިޑް-19 އަށް ޕޮސިޓިވް މީހުންނާއި ކަރަންޓީންގައި ތިބި މީހުން ހިމެނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އެ މައުލޫމާތު އާންމުކުރި ފަހުން އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕޮސިޓިވްވެފައިވާ ފަރާތްތަކަށް އެހީތެރިއެއްގެ އެހީގައި ވޯޓު ލެވޭ ގޮތަށް ހެދުމަކީ އީސީއަށް ގާނޫނުން ލިބިދޭ ބާރެއް ނޫން ކަމަށެވެ. އެހެންވެ ޕޮސިޓިވްވެފައިވާ ފަރާތްތައް އަމިއްލައަށް ވޯޓު ލެވޭގޮތަށް މިއަދު އެ ކޮމިޝަނުން އުސޫލު ބަދަލު ކޮށްފައިވާ ކަމަށެވެ.
ޕޮސިޓިވް އަދި ކަރަންޓީންގައި ތިބި މީހުން ވޯޓުލުމަށް އީސީން ވަނީ ވަކި ގަނޑިއެއް ކަނޑައަޅާފައި އެވެ. އެއީ ހަވީރު 5:00 ން 6:00 އަށެވެ.
އެމީހުން ވޯޓުލާން ގެންދިއުމަށް ހާއްސަ އިންތިޒާމެއް ވަނީ ހަމަޖައްސާފަ އެވެ.
އިންތިހާބުގައި ވާދަކުރާނީ 3،934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2،264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1،670 ކެންޑިޑޭޓުންނެވެ.
އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް