ހަންޏާމީދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

އެމް.ޑަބްލިޔު.އެސް.ސީއިން އދ.ހަންޏާމީދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ. މިމަޝްރޫޢުގެ މަސައްކަތް އިފްތިތާޙުކޮށްދެއްވާފައިވަނީ، ހަންޏާމީދޫގައި މިއަދު ބޭއްވި ރަސްމި...

04 Apr 2021 | 16:02

އެމް.ޑަބްލިޔު.އެސް.ސީއިން އދ.ހަންޏާމީދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ.

މިމަޝްރޫޢުގެ މަސައްކަތް އިފްތިތާޙުކޮށްދެއްވާފައިވަނީ، ހަންޏާމީދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހު އާއި އެންސްޕާގެ ޑެޕިއުޓީ ސީ.އީ.އޯ އަލްފާޟިލާ ރުޤިއްޔާ މުޙައްމަދު އާއި ހަންޏާމީދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ނާޒިމް އެވެ.

މި ރަސްމީޔާތުގައި އެމްޑަބްލިއުއެސްސީ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްޑަބްލިއުއެސްސީން މައުލޫމާތުދެއްވާގޮތުގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ހަންޏާމީދުއަށްގެންގޮސް، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް ޢިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރެވެމުންނެވެ.

މި މަޝްރޫޢުގެ ދަށުން ހަންޏާމީދޫގައި 5.1 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ ޢިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމުގައި އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމުގައި އެ ކުންފުނިން ބުނެއެވެ.

ހަންޏާމީދޫގެ ފެނުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ މުއްދަތަކީ 22 މަސް ދުވަހެވެ. މިމަޝްރޫޢުއަށް ޖުމްލަ  21,651,878,00މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހަންޏާމީދޫ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް