ޖިންސީ ފުރައްސާރައާއި ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވި އެ މައްސަލަތަކުގައި ދައުވާ އުފުލާފައިވަނިކޮށް ކުރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލަން ކުރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު ޝަރީޢަތްތަކުގެ ފުރަތަމަ އަޑުއެހުން މާދަމާ ބާއްވަން ހައިކޯޓުން ތާވަލުކޮށްފިއެވެ.
ފެބްރުއަރީ 14 ވަނަ ދުވަހު ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވެއެވެ.
އަލީ ވަހީދާއި ދެކޮޅަށް ދައުލަތުން ވަނީ ޖިންސީ ގޯނާއި ގުޅުން ހުރި ހަތް މައްސަލައެއްގައި ދައުވާ އުފުލާފައި އެވެ. އަދި އެ ދައުވާތަކުގެ ޝަރީއަތް ނިމެންދެން ދައުލަތުން އެދިގެން އޮތީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އެވެ.
އެކަމަކު މައިބަދައިގެ މައްސަލައެއް ދިމާވެ ރާއްޖެއިން ކުރެވެން ފަރުވާއެއް ހޯއްދެވުމަށް ބޭރަށް ވަޑައިގެންނެވުމަށް ކަމަށް ވިދާޅުވެ އަލީ ވަހީދު ވަނީ ޕާސްޕޯޓު ދޫކޮށްދިނުމުގެ އަމުރަކަށް ޑރ. މުޒުނީގެ ލިޔުމަކާއި އެކު ހުށަހަޅާފައި އެވެ. އެ ލިޔުން އިތުރަށް ކޯޓުގައި މާނަކޮށްދީފައިވަނީ އައިޖީއެމްއެޗުގެ ޑރ. ޔޫސުފް ޝާން އެވެ.
އެކަމަކު ދައުލަތުން އެދުނީ ޕާސްޕޯޓު ދޫކުރުމުގެ ބަދަލުގައި ރާއްޖެއިން ބޭރަށް ގޮސްގެން ނޫނީ ކުރެވެން ނެތް ފަރުވާ އެއް އޮތްނަމަ ބޭރަށް ދިޔުމަށް ޓްރެވަލް ޑޮކިއުމެންޓެއް ދޫކޮށްދިނުމަށެވެ. އެކަމަކު އަލީ ވަހީދު ވަނީ ބޭނުންވަނީ ޕާސްޕޯޓުކަމަށް ޝަރީއަތުގައި ވިދާޅުވެފައި ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
އަދި އެ މައްސަލައިގަ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އަލީ ވަހީދު އެދިވަޑައިގެންގޮތަށް ޕާސްޕޯޓު ދޫކޮށްދިނުމަށެވެ އެގޮތަށް ނިންމީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވާގޮތަށެވެ.
މި މައްސަލައިގަ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ޝަރުއީ ދާއިރާ އަށާއި ސަރުކާރަށް އަމާޒުވެފައި އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމުން ހައިކޯޓުން މައްސަލަ ބޭރުކޮށްލުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައި ވަނީ ފެބްރުއަރީ28 ވަނަ ދުވަހުއެވެ.
ޕީޖީ އޮފީހުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ ބޭރުކޮށްލީ އިސްތިއުނާފު މުއްދަތު ކަމަށްވާ 48 ގަޑިއިރު ހަމަވިފަހުން ހުށަހެޅުމުންނެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުއްވި ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް އޮތީ ހުށަހަޅައިފަ އެވެ. އެ ކޮމިޝަނުން ދަނީ އެ މައްސަލަ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް