ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާ ބެހޭގޮތުން ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް ވެބިނާރެއް

ދިވެހިރާއްޖޭގައި ހަރުކަށިފިކުރު ފެތުރުން ހުއްޓުވުމާއި މުޖުތަމަޢުގެ އަމާންކަމާއި ބަދަހިކަން ބިނާކުރުމާއި ބެހޭގޮތުން ހިންގާ "ދަ ރޯލް އޮފް ރިލިޖަސް ސްކޯލަރސް ފޮރ އަ ކޮހީސިވް ކޮމިޔުނިޓީ– ޕީސްބިލްޑިންގ ތްރ...

04 Apr 2021 | 11:10

ދިވެހިރާއްޖޭގައި ހަރުކަށިފިކުރު ފެތުރުން ހުއްޓުވުމާއި މުޖުތަމަޢުގެ އަމާންކަމާއި ބަދަހިކަން ބިނާކުރުމާއި ބެހޭގޮތުން ހިންގާ "ދަ ރޯލް އޮފް ރިލިޖަސް ސްކޯލަރސް ފޮރ އަ ކޮހީސިވް ކޮމިޔުނިޓީ– ޕީސްބިލްޑިންގ ތްރޫ ރިލިޖަސް އެޑިއުކޭޝަން" ވެބިނަރ މިއަދު ފަށައިފިއެވެ.

މި ވެބިނަރގެ މަޤްޞަދަކީ ދީނުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އަލީގައި ބަދަހި އަމާން މުޖުތަމަޢެއް ބިނާކުރުމުގައި ދީނީ ޢިލްމުވެރިންގެ ދައުރު ފުޅާކޮށް، ހަރުކަށިފިކުރުގެ ނުރައްކަލުން ފަރުދުން ދުރުކުރެވޭނެ ގޮތްތައް ދެނެގަނެ، ކްރިޓިކަލް ތިންކިންގގެ ހުނަރު އިތުރުކޮށް، ޑިޖިޓަލް މީޑިއާއަށް އަހުލުވެރިކުރުވުމާއި، ތަހައްމަލުކުރުމުގެ އާދަ އަށަގެންނެވުމާއި، އަނެކުންގެ ފުރާނައާއި މުދާ ރައްކާތެރިކޮށް ފަރުދުންގެ ޙައްޤުތަކަށް އިޚްތިރާމްކުރުގެ ޘަޤާފަތް އަށަގެންނެވުމެވެ.

ވެބިނަރ ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އެން.ސީ.ޓީ.ސީގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ. ޑައިރެކްޓަރ ޖެނެރަލްގެ ވާހަކަފުޅުގައި ދިވެހިރާއްޖެ ފަދަ އެއްދީނަކަށް ނިސްބަތްވާ އެއްނަސްލެއްގެ ބަޔަކު އުޅޭ ޤައުމެއްގައި ދީނީ ޚިލާފުވުންތައް އުފައްދާ ހަރުކަށިފިކުރާއިގުޅިގެން މުޖުތަމަޢު ބައިބައިވެ ހަލާކުވުމުން ސަލާމަތްކުރުމުގައި ދީނީ ޢިލްމުވެރިންގެ ދައުރުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

https://twitter.com/NCTCMaldives/status/1378634277315747841

މި ވެބިނަރ އަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އަދި އިންޑިޔާގެ މަނިހާރު ޕައްރިކާރު އިންސްޓިޓިއުޓް ފޮރ ޑިފެންސް އެންޑް ސެކިއުރިޓީ އެނެލިސިސް ގުޅިގެން ދީނީ ޢިލްމުވެރިންނަށް ހިންގާ ޕްރޮގްރާމެކެވެ. މި ވެބިނަރގެ ސެޝަންތައް ނަންގަވައިދެއްވާނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ، ފަޟީލަތުއްޝައިޚް އަލްއުސްތާޛު އިބްރާހީމް އަޙުމަދު، އިޑްސާގެ ކޯރޑިނޭޓަރ ފޮރ ކައުންޓަރ ޓެރެރިޒަމް ސެންޓަރ، ޑރ. އާދިލް ރަޝީދު، އަދި އިސްލާމިކް ޔުނިވަރސިޓީގެ ކޮންސަލްޓަންޓް ޑރ. ޢަބްދުލްޙައްޤު ބޭކަރއެވެ. މި 3 ދުވަހުގެ ވެބިނާގައި އެން.ސީ.ޓީ.ސީގެ ޑިޖިޓަލް ޕާރޓްނަރއަކީ އޫރިދޫ މޯލްޑިވްސް އެވެ. ތިން ދުވަހުގެ މުއްދަތަށް ހިންގޭ މި ވެބިނަރގައި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރެއިން 60 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށްގެން އެން.ސީ.ޓީ.ސީގެ ފަރާތުން ދެ މަސައްކަތު ބައްދަލުވުމެއް 2019 ވަނަ އަހަރުވެސް ހިންގިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް