މާލޭގައި މަޖާކޮށްލެވޭ މަރުކަޒުތައް ގާއިމް ކުރަން ކޮމިޓީން ފާސްކޮށްފި

މާލޭގައި ލަވަކިޔައި، މަޖާކޮށް ނާޗަރަންގީ ކުޅޭނެ މަރުކަޒުތައް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ނިންމައިފިއެވެ. އެ ކޮމެޓީގެ ބައްދަލުވުމުގައ ބައިވެރިވެވަޑައިގެންނެވި މެންބަރުންގ...

04 Apr 2021 | 09:58

މާލޭގައި ލަވަކިޔައި، މަޖާކޮށް ނާޗަރަންގީ ކުޅޭނެ މަރުކަޒުތައް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ނިންމައިފިއެވެ.

އެ ކޮމެޓީގެ ބައްދަލުވުމުގައ ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން މިއަދު ނިންމީ ސަރުކާރާއި ކަމާ ގުޅުން ހުރި ވުޒާރާތަކުގެ އެހީއާއެކު ހެރިޓޭޖް މިނިސްޓްރީން އިސްވެ މިއުޒިކް އަޑުއަހާލާނެ މަރުކަޒެއް ގާއިމް ކުރުމަށް މިނިސްޓްރީގައި އެދޭށެވެ.

މިއީ އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރެކެވެ.

މި ގަރާރަކީ މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހިނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށާއި، އެމަރުކަޒަކީ ޒުވާނުންގެ މިޔުޒިކުގެ ފަންނު އިތުރަށް ތަރައްގީކުރުމުގެ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރެވެންހުރި ކަންކަން ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ގަރާރެއް ކަމަށް ވިދާޅުވެފައި ވެއެވެ.

ގަރާރުގައި ވަނީ، މާލެއަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކަކީ އެމައްސަލަތަކުން އެއްކޮށް އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަތަކެއް ކަަމަށާއި، މާލޭގައި މިއޮތް ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، މަގުތަކުގެ ކާރޫބާރު ބޮޑުކަމާއި، ވަޒީފާގެ ފުރުސަތުތަކުގެ މަދުކަމުގެ މައްސަލަތަކުގެ ސަބަބުން ހާސްކަމެއްގެ ތެރޭގައި އުޅޭންޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރުން ކަންކަމަށް ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހާސްކަމުގެ ތެރޭގައި މިމާލޭގައި އުޅެންޖެހިފައިވާ ޒުވާނުންނަށް ހާސްކަމުން އެކަހެރިވެލޭނޭ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.

ދިވެހި ލަވައާއި މިއުޒިކްގެ ޝައުޤުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ މިއަދު ކޮންމެހެންވެސް ކުރާންޖެހިފައި އޮތް ކަމެއް ކަމަށާއި، ދިވެހީންގެ ސަގާފަތް އަންނާން އޮތް ޖީލަށް ވާސިލުކޮށްދިނުމުގެ މަސްޢޫލިއްޔަތަކީ މިއަދުގެ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް ކަމަށްވެސް އެ ގަރާރުގައި ވެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް